ކުރީގެ ހޯމް މިނިސްޓަރު އުމްރަު ނަސީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަން ޕީޖީއަށް ހުށަހެޅުމުން ރިޔާސީ ކެމްޕޭން އޭނާ ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އުމަރު ނަސީރު ވިދާޅުވީ، އޭނާ މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ މަގާމުގައި ހުންނެވި އިރު 2015 ވަނަ އަހަރު، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މަސައްކަތް ކުރައްވާފައި ވާ ކަމަށް އޭސީސީން ތުހުމަތު ކުރާ ކަމަށް ބުނެ، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަން ނިންމާފައިވާ ކަން މިއަދު އަންގާފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ވަކި ގޮތެއް ނިންމަން ދެން، ރިޔާސީ އިންތިހާބަށް އޭނާ ކުރައްވަމުން ގެންދަވާ ކެމްޕޭން 90 ދުވަހުގެ މުއްދަތަަކަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކަށް އަންނަ މީހުންނަކީ ފަސްބައިގައި އެއްވެސް ކިލަނބު ކަމެއް ނެތް މީހުންނަށް ވާން ޖެހޭނެ ކަމަށް އަބަދުވެސް ދެކިވަޑައިގަންނަވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އޭސީސީން މިއަދު ވަނީ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އުމަރު ނަސީރުގެ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏަކަށް ފައިދާ ވާ ގޮތަށް ހިންގި މުއާމަލާތެއްގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ހުށަހަޅާފައެވެ. އުމަރުގެ މައްޗަށް ދައުވާ ކުރުމަށް އެދި ހުށަހަޅާފައި ވަނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.
އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އޭރު ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ވަނީ އާންމުކޮށް އަމަލު ކުރަމުންދާ އުސޫލުގެ ބޭރުން ކަމަށް އޭސީސީން ބުނެއެވެ. އެ ގޮތުން އެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަތަރު ފަރާތަކީ ވެސް އުމަރާ ގާތް ގުޅުން އޮންނަ ފަރާތްތަކެއް ކަމަށާއި ވިޔަފާރީގައި އެއީ އުމަރުގެ ޕާޓްނަރުން ކަމަށް އޭސީސީން ބުނެއެވެ. އަދި އެކަމަކީ އުމަރު ނަސީރުގެ ބެއްލެވުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ހިންގާފައިވާ ކަމެއް ކަމަށް އޭސީސީން ބުނެއެވެ.
ހަމައެއާއެކު ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅުއްވައި އެ ކޮމެޓީގެ ޗެއާގެ ގޮތުގައި އުމަރު ބައިވެރިވެ ވަޑައިގެންފައި ވާ ކަމަށާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭސީސީން ބުނެއެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގެ 8.20 އާ ހިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ހަވާލު ކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައި ވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުން ކުރައްވައި މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރައްވައިގެން ކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ، އިލެކްޓްރޯނިކް ޓެގްގެ ޕްރޮޖެކްޓް މިނިސްޓްރީން ހަވާލު ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އާންމުކޮށް އިއުލާން ކޮށްގެން، ހުޅުވާލެވިފައިވާ ބިޑެއްގައި އެންމެ ކުޑަ އަގުހުށަހެޅި ފަރާތަށް ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ކަން އިއުލާން ކުރައްވާފައިވާ އުމަރު ގެންދަވަނީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުންނެވެ. އޭނާ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖެއިން އިންޑިއާ ސިފައިން ބޭރު ކުރާނެ ކަމަށާއި އިންޑިއާ މީހުން ރާއްޖެއަށް އަތްގަދަ ކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވާނެ ކަމަށް ވިދާޅުވެއެވެ.