މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ކުރީގެ މިނިސްޓަރު އޮފް ހޯމްއެފެއާޒް އުމަރު ނަސީރު (ހ.ދޮންޖޭމުގެ / ކ.މާލެ)ގެ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏަކަށް ފައިދާ ވާ ގޮތަށް ހިންގި މުއާމަލާތެއްގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވައިފިއެވެ.
އޭސީސީން ބުނީ، 2015 ވަނަ އަހަރު ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަހްގީގުކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލާގައި އުމަރު ނަސީރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިއަދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.
އުމަރުގެ މައްޗަށް ދައުވާ ކުރުމަށް އެދި ހުށަހަޅާފައި ވަނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތައް ހާމަކުރަމުން އޭސީސީން ބުނީ، އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ވަނީ އާންމުކޮށް އަމަލު ކުރަމުންދާ އުސޫލުގެ ބޭރުން، އޭރުގެ މިނިސްޓަރު އޮފް ހޯމްއެފެއާޒް އުމަރު ނަސީރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.
އެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަތަރު ފަރާތަކީ ވެސް އުމަރާ ގާތްގުޅުން އޮންނަ ފަރާތްތަކެއް ކަމަށް އޭސީސީން ބުނެއެވެ. އޭގެތެރެއިން ދެ ހިއްސާދާރުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (2009) ގެ ބާބު 15 ގެ 3 ވަނަ މާއްދާގެ (ނ) ގެ 8 ގައި ބަޔާންކޮށްފައިވާ ގޮތަށް އެ ފަރާތްތަކަކީ އުމަރުގެ ކްލޯޒް އެސޯސިއޭޓުން ކަމަށް އޭސީސީން ބުނެއެވެ. އެހެންކަމުން، ސްޓެލްވާޓަކީ އުމަރުގެ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއް ކަމަށާއި ނަމަވެސް، ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއާގެ ގޮތުގައި އުމަރު ބައިވެރިވެފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.
ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ހިދުމަތުގައި ބޭނުން ކުރުމަށް އެކަށީގެންވާ ތަކެތި ކަމަށް ޓެގް ޓްރައަލް އިވެލުއޭޓް ކުރާ ކޮމެޓީން ނިންމާފައިވާ ކަމަށް އޭސީސީގެ ތަހިުގީގަށް ޔަގީންވެފައިވާ ކަމަށް ބުނެއެވެ.، ތަކެތި ގަތުމާއި ހިދުމަތް ހޯދުމަށް، މަސައްކަތާ ހަވާލުވާނެ ފަރާތެއް ކަނޑައަޅަން ވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު އަމަލުކުރަމުން ދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ 8.20 ގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް މި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައި ނުވާ ކަމަށް އޭސީސީން ބުނެއެވެ.
ހަމައެކަނި ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މި މަސައްކަތް ސްޓެލްވާޓާ ހަވާލު ކުރުމުގެ ހުއްދައަށް އެދި، އަދި އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި އުމަރު ސޮއިކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީ ފޮނުވާފައިވާ ކަން ތަހްގީގަށް ވަނީ ފާހަގަކުރެވިފައި ކަމަށް އޭސީސީން ބުނެއެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގެ 8.20 އާ ހިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ހަވާލު ކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައި ވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާ ދިނުމަށްކަން މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން، ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެ ކަމަށް ބަޔާންކޮށްފައިވާ 5 ލައްކަ ރުފިޔާ ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައި ވަނީ އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައި ވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށް ކަމާއި، އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.
މީ ހަސަދަ ފިލުވާން އުޅޭބައެއް. އެކަމަކު ނާޤާބިލުކަމުން އެކަމެއް ވެސް ނުވޭ. މައްސަލަ ގޮވަނީ އަތަށް. ޤައުމުގެ ދުވަސް ނުދަނީސް މި ކުރަފިތަށް ބޭރުކުރާން އެބަޖެހޭ.
މިއޮތީވާސަރުކާރެތް މުޅިންވެސް އެކަމުގާ މޑޕ މީހަކަން އަދި މޑޕ އައް ސަޕޯޓު ކުރާ މީހަކަން ނުޖައްސާނެ މޑޕ ކިތައްމީހުން އެބަތިބި ރުފިޔާގަޑު ކަނވާލާގެން