އިންޑިއަން ފައުންޑޭޝަން އާއި ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައިއެންއެސްއެސް) އިސްވެރިންނާއި ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ފައިސަލް ނަސީމް އިންޑިއަން އޯޝަން ކޮންފަރެނެސް 2021ގެ ހަވާސާގައި އިންޑިއަން ފައުންޑޭޝަންގެ ގަވަނިން ކައުންސިލުގެ މެންބަރު ރާމް މާދަވް އާއި ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައިއެންއެސްއެސް) ގެ ޑިރެކްޓާ ޖެނެރަލް ޕްރޮފެސާ ރޯހަން ގުނަރަތްނަ އާ ބައްދަލުކުރައްވާފައި ވާ ކަމަށެވެ.

މި ދެ ބޭފުޅުންނާ ބައްދަލުކުރައްވާފައި ވަނީ ފައިސަލް ނަސީމް ޔޫއޭއީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އަބޫދާބީގައި ވަކިވަކިން ބޭއްވި ދެ ބައްދަލުވުމެއްގައެވެ.

ރައީސް އޮފީހުން ބުނީ ފައިސަލް ނަސީމް އެ ދެބޭފުޅުންނާއެކު ވަކިވަކިން ބޭއްވި އެ ދެ ބައްދަލުކުރެއްވުމުގައި ކޮވިޑް 19 އިން އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުއެޅުން ފަދަ ތަފާތު އެކި މައުޟޫތަކަށް މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން ގިނަ ގައުމުތައް ޝާމިލުވާ ބައިނަލްއަގްވާމީ އެކި މައްސަލަތައް ހައްލުކުރުމުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން ފައިސަލް ނަސީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ފައިސަލް ނަސީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.