ކްލިކް ކޮލެޖްގެ ހަރަކާތެއްގައި ނަސޯރާ ދީނާ ގުޅޭ ލަވައެއް ޖެހި މައްސަލަ ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މި މަހުގެ 3 ވަނަ ދުވަހު ކްލިކް ކޮލެޖުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ނަސޯރާ ދީނަށް ވާގިދޭ ލަވައެއް ޖެހި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިފަދަ ހަރަކާތްތައް އިންތިޒާމު ކުރާ އިރު ދީނާ ހިލާފު ކަންކަން ކުރުމަކީ ގަނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި އެކިއެކި ހަރަކާތްތައް އިންތިޒާމު ކުރާ ފަރަތްތަކުން ދީނާ ހިލާފު ކަންކަން ނުހިނގާނެ ގޮތަށް ހަރަކާތްތައް އިންތިޒާމު ކުރުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މި މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފަިއވާ ކަމަށް ބުނެފައިވީ ނަމަވެސް ފުލުހުން އަދި މި މައްސަލައާ ގުޅިގެން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ކްލިކް ކޮލެޖުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ނަސޯޜާ ދީނަށް ވާގިދޭ ލަަވައެއް ޖެހުމާ ގުޅިގެން އެ ވާހަކަތައް ވަނީ ސޯޝަލް މިޑިއާގައި ދައުރުވެފައެވެ. މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ހިއްސާ ކޮށްފައެވެ.

މި ކަމާ ގުޅިގެން ކްލިކް ކޮލެޖުން ވަނީ މައާފަށް އެދި ޓްވީޓް ކޮށްފައެވެ. އެ ކޮލެޖުން ބުނެފައި ވަނީ ކްލިކް ކޮލެޖްގެ ކުޅިވަރު ހަރަކާތްތަކެއްގައި ކްރިސްޓިއަން ދީނުގެ ލަވަ ޖަހުނީ އޮލޫމަކުން ކަމަށާއި އެކަން ސަމާލުކަމަށް އައުމާއެކު ލަވަ ހުއްޓާލި ކަމަށެވެ.