މާލެ އާއި ހުޅުމާލޭގައި ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި 51 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއް ކަމަށެވެ. އެ ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މާލެއާއި ހުޅުމާލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ގައި ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން 27 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މާލެއިން ޓެކްސީއެއް ހުއްޓުވައި އެޓެކްސީ ބަލައި ފާސްކުރި އިރު ބަނގުރާފު ޅިއެއް ފެނުމާ ގުޅިގެންނެެވެ. އަދި 28 އަހަރުގެ މީހާ އާއި 51 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިން ސައިކަލެއް ހުއްޓުވައި ބަލައި ފާސްކުރި އިރު 22 ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 27 އަހަރުގެ މީހާއަށް 5 ދުވަސް މުއްދަތެއް ދީފަައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި 28 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއަށް 3 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.