ބަންގްލަދޭޝް އިން ލޯނެއް ހޯދުމަށް ރާއްޖެއިން އެދިފައި ވާ ކަމަށް އެ ގައުމުގެ ގަވަރުނަރާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފިއެވެ.
ބަންގްލަދޭޝް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް (ބީއައިޑީއެސް) އިން އިންތިޒާމް ކުރި މަޝްވަރާތަކެއްގައި އިއްޔެ ވާހަކަ ދައްކަވަމުން އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ފަަޒްލީ ވިދާޅުވީ، ރާއްޖެއިން ދިގު މުއްދަތުގެ ލޯނަކަށް އެ ގައުމުގައި އެދިފައިވާ ކަމަށެވެ. އަދި ވިސްނުން ހުރީ އެ ލޯނު ރާއްޖެ އަށް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ލޯނެއް ހޯދުމަށް އެދިފައި ވީ ނަމަވެސް އެދިފައިވާ ލޯނާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އޭނާ ހާމަ ނުކުރައްވާ ކަމަށް އެ ވާހަކަ ރިޕޯޓުކުރި ބަންގްލަދޭޝްގެ ނޫސްތަކުގައި ބުނެފައި ވެއެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން ބަންގްލަދޭޝްގެ ހާލަތު ވެސް ވަނީ މީގެ ކުރިން ވަރަށް ގޯސް ވެފައެވެ. އިގްތިސޯދީ ހާލަތު ރަނަގަޅު ވަމުން އަންނަ މި ދަނޑިވަޅުގައި މިއީ އެ ގައުމުން އެހެން ގައުމަކަށް ލޯނު ދޭން ނިންމި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އޯގަސްޓު މަހުގެ ތެރޭ އެ ގައުމުން ވަނީ ލަންކާއަށް 250 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެއް ދީފައެެވެ.
ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން ބަދަހި ކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މިދިޔަ މަހުގެ ފަހުކޮޅު ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝަށް ވަޑައިގެންފައެވެ.