އަފްގާނިސްތާނުގައި އަންހެނުންގެ ރުހުމާ ނުލާ ގަދަ ކަމުން އެމީހުން މީހުންނާއި ކައިވެނިކުރުވުމަކީ މިހާރު މަނާ ކަމެއް ކަމަށް އެގައުމުގެ ވެރިކަން ކުރަމުންދާ ތާލިބާނު ޖަމާއަތުން ކަނޑައަޅައިފިއެވެ.
ތާލިބާނުންގެ ލީޑަރު ހިބަތުއްﷲ އަކުންޒާދާ ހުކުރު ދުވަހު ނެރުނު އަމުރެއްގައި ބުނީ އަންނެހުންނާއި ފިރިހެނުން ވާނީ އެއްވަރު ކަމަށާ އެއްވެސް އަންހެނަކު ގަދަކަމުން މީހާ ކައިވެނިކުރުވުމަކީ މީގެ ފަހުން މަނާ ކަމެއް ކަމަށެވެ.
ތާލިބާނުންގެ އަމުރުގައި އިތުރަށް ވަނީ އަންހެނުންނަކީ މުދަލުގެ ގޮތުގައި ނުދެކުމަށް ވެސް ގޮވާލާފައެވެ. މީގެ އިތުރުން، ހުވަފަތްވާ އަންހެން މީހާއަށް އޭނާގެ ފިރިމީހާ މަރުވާތާ 17 ހަފްތާގެ ތެރޭގައި އޭނާ ބޭނުންވާ އެހެން މީހާކާ އިނުމުގެ ހައްގު ވެސް މީގެ ފަހުން އޮންނާނެ ކަމަށް ތާލިބާނު ޖަމާއަތުން ވަނީ ބުނެފައެވެ.
އަފްގާނިސްތާނުގައި ޒަމާނުއްސުރެ ކަން ހިނގާ ގޮތަކީ ހުވަފެންވާ އަންހެން މީހާ، އޭނާގެ މަރުވި ފިރިމީހާގެ ކޮއްކޮ ނުވަތަ ބޭބެ ނުވަތަ އާއިލާގެ އެހެން ފިރިހެނަކާ ދެވުމެވެ.
ތާލިބާނުން ނެރުނު އަމުރުގައި އެގައުމުގައި ކައިވެނި ކުރެވޭނެ އެންމެ ހަގު އުމުރު ބަޔާންކޮށްފައެއް ނުވެއެވެ. މި ވަގުތު އަފްގާނިސްތާނުގައި ކައިވެނި ކުރެވޭ އެންމެ ހަގު އުމުރަކީ 16 އަހަރެވެ.
މިއަހަރުގެ އޮގަސްޓް މަހު އަފްގާނިސްތާނުގެ ވެރިކަމަށް އައި ތާލިބާނު ޖަމާއަތުން ބުނީ އެގައުމުގެ އަންހެނުން އޮތް ހައްގުތަކާއި ބާރުތަކާ ބެހޭ ގޮތުން އަފްގާނިސްތާނުގެ އާބާދީ ހޭލުންތެރިކުރުވުމަށް އަފްގާނިސްތާނުގެ އެކި އެކި މިނިސްޓްރީތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
އަފްގާނިސްތާނުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ތާލިބާނުންގެ މި ނިންމުންތަކަށް މަރުހަބާ ކިޔާފައެވެ. އަދި މި ނިންމުންތައް މިގޮތަށް ތަންފީޒު ކުރެވޭތޯ ބަލަން ޖެހޭ ކަމަށާ މިއީ އަފްގާނިސްތާނުގެ އަންހެނުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެޖަމާއަތްތަކުން ވަނީ ބުނެފައެވެ.