ރާއްޖެ ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިންނަށް ޖާގައެއް ނެތް ކަމަށާއި، އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވަމުން ދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "އިންޑިއާ އައުޓް" ކެންޕޭނަކީ ރާއްޖޭގެ މަދު ބަޔަކު ހިންގާ ހަރަކާތެއް ކަމަށް ބުނެ ސަރުކާރުގެ ވެރިން ވާހަކަ ދައްކަވަމުން ގެންދެވި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށާއި އެއީ އިދިކޮޅުގެ ބޮޑު ހަރަކާތެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާ ދެކޮޅު ހަރަކާތް ހިންގަނީ ޕީޕީއެމާއި ޕީއެންސީގެ އިސްނެގުމުގެ މަތިން ކަމަށެވެ. މިރޭ "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި އިންޑިއާ އައުޓް ޕެޓިޝަނުގައި ސޮއި ކުރުން ކުރިއަށް ގެންދިޔަ އިރު ޔާމީން ވިދާޅުވީ، ރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި ރާއްޖެ ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިންނަށް ނުތިބެވޭނެ ކަމަށާއި އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގައެއް ނެތް. މިހާރު ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ. ކުރީގެ ރައީސްކަން ކޮށްފައި ހުންނަ މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ. ޕީޕީއެމް އާއި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން މި ދަންނަވަނީ. އެތައް ސަތޭކަ ބަޔަކު ތަމްސީލުކުރާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ މީހެއްވެސް އެންމެ ބޫޓްގެ އޯޑަރެއްވެސް އަޅުގަނޑުމެންގެ މި ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވޭ
ރައީސް ޔާމީން

އެ މައުޟޫގައި އިތުރަށް ޔާމީން ވިދާޅުވީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރަކީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ގަވަރުނަރު ނޫން ކަމަށާއި އަދި މިއީ އިންޑިއާގެ ޓައުނެއްވެސް ނޫން ކަމަށެވެ.

އިތުރަށް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ފައިބަން ޖެހޭ ކަމަށް މީގެ ކުރިން ސަރީހަ ބަހުން ވިދާޅުނުވި ނަމަވެސް މިހާރު ބޭނުންފުޅުވަނީ ސާފުކޮށް އެފަދައިން ވިދާޅުވާން ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މަގުމު އަދާކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުންނާއި ވާދަވެރި ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުންނާއި އެތައް ދިވެހި ރައްޔިތުން އިތުބާރުކުރާ ލީޑަރެއްގެ ހައިސިއްޔަތުން މިއަދު ވިދާޅުވާން އޮތީ އިންޑިއާ ސިފައިން ޖެހޭނީ ފައިބަން ކަމަށެވެ.