ކައިވެނިކޮށްގެން ކަމަށް ވިޔަސް ނުރުހުމުގައި ހިންގާ ޖިންސީ އަމަލަކީ "މެރިޓަލް ރޭޕް" ގެ ގޮތުގައި ކަނޑައަޅައި ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހަށް ރާއްޖޭގެ ގިނަ ޖަމިއްޔާތަކަކުން މިއަދު މަރުހަބާ ކިޔައިފިއެވެ.

ޖިންސީ ކުށުގެ ގާނޫނުގައި ކައިވެނި މަތީގައި ތިބެ ނުވަތަ ކައިވެނި ނުކޮށް ވިޔަސް ނުރުހުމުގައި ހިންގާ ޖިންސީ އަމަލުތަކަކީ ރޭޕްގެ ގޮތުގައި ކަނޑައަޅައި ޖީންސީ ކުށުގެ ގާނޫނަށް އެ އިސްލާހު ގެނައުމަށް ފާސްކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ 8 ޖަމީއްޔާއެއް ކަމަށްވާ، އުތެމަ، ފެމެލީ ލީގަލް ކްލިނިކް، އީކުއަލިޓީ ނައު، ފެމް ހެލްތު، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ހޯޕް ފޯ ވިމެން، ވިމެން އެންޑް ޑިމޮކްރެސީ އަދި ރައިޒް އަޕް އިން އެކަމަށް މަރުހަބާ ކިޔައި ބަޔާނެއް ވަނީ ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ 2014 ވަނަ އަހަރު އުފެދިގެން އައި ޖިންސީ ކުށުގެ ގާނޫނުގައި ހުރި އެތައް އުނި ކަންތައްތަކެއްގެ ސަބަބުން އޭރު އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ލިބުމުގައި ހުރަސްތަކެއް ހުރި ކަމަށެވެ. އެހެންކަމުން އެ ގާނޫނަށް ގެންނަން މަޖިލީހުން ފާސްކުރި އިސްލާހުތަކުގައި، ރޭޕްގެ ކުށާއި ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާގެ ކުށް ސާފު އިބާރާތުން މާނަ ކޮށްފައި އޮތް އޮތުމަކީ މުހިއްމު ކުރިއެރުމެއް ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ.

ކައިވެނީގެ ތެރޭގައި ކުރާ ރޭޕް އަކީ ހުރިހާ ހާލަތެއްގައި ވެސް ރޭޕް ކަމަށް ކަނޑައެޅިގެން ދިއުމަކީ ދެކުނު އޭޝިއާގައި ވެސް މި ދާއިރާގެ ގާނޫނުތައް ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއްހަމައަކަށް ރާއްޖެ އައިސްފައިވާ ކަމުގެ ހެއްކެއް ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ. ރޭޕްގެ ކުށް ތަހުގީގު ކުރުމުގައި ކަމާބެހޭ އިދާރާތައް ޒިންމާދާރު ކުރުވުމަށް ގާނޫނުގައި ގެނެސްފައިވާ އިސްލާހުތަކަކީ ވެސް އުފަލާ އެކު ބަލައިގަންނަ އުންމީދީ އިސްލާހުތަކެއް ކަމަށް ޖަމިއްޔާތަކުން ބުނެއެވެ.

އެ އިސްލާހުތަކުގެ ސަބަބުން ޖިންސީ އަނިޔާ އާއި ރޭޕްގެ ކުށުގެ ޝިކާރައަށްވާ ފަރާތްތަކަށް އިންސާފު ލިބުމުގެ މަގު ހަގީގަތުގައި ވެސް ފަހިވެގެން ދާނެކަމުގެ އުންމީދު ލިބިގެން ގޮސްފައިވާ ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ. އަދި އެ ގާނޫނޫ ވީ އެންމެ އަވަހަކަށް ތަސްދީގުކޮށް ޖިންސީ އަނިޔާގެ ޖަރީމާއިން ދިވެހި މުޖުތަމައު ރައްކާތެރި ކުރުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި އެންމެހައި ކަންކަން ލަސްނުކޮށް ތަންފީޒީ އިދާރާތަކުން ފެށުމަކީ އެދޭކަމެއް ކަމަށް ގުޅިފައިވާ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެއެވެ.