އދ. ދަނގެތީގައި ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު މޮނަލާޒް، މަހުމޫދު އަބޫބަކުރު (57އ) މަރާލި މީހާއަށް އަންނަ ހަފްތާގައި ދައުވާ ކުރަން ފޮނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މަހުމޫދު މަރާލީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ (އާންމު ނަން: ސާލިމް)، 29އ އެވެ. އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، މަހުމޫދު މަރާލުމާ ގުޅޭ މައްސަލައިގައި އޭނާ ކޯޓަށް އިއުތިރާފުގެ ބަޔާނެއް ދީފައިވާ ކަމަށާއި، މަރާލި ކަމަށް ބެލެވޭ ސަބަބަކީ ނުވަތަ މޯޓިވަކީ ފައިސާ ހޯދުން ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އަދި މަހުމޫދުގެ މަރުގެ މައްސަލައިގައި ސާލިމްގެ މައްޗަށް 6 ދައުވާއެއް ކުުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ސާލިމް އަކީ އދ. ދަނގެތި ނެދުންގޭގައި ދިރިއުޅުނު ބިދޭސީއެކެވެ. އެ ގޭގައި ސާލިމް ހުންނަނީ އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމަށެވެ. އެ ގޭގައި ދިރިއުޅެނީވެސް އެދެމީހުން އެކަންނެވެ. ނެދުން ގެއަކީ މަހުމޫދު މަރާލާފައި ފައްތާފައި އޮތް ފެންވަޅު ހުންނަ ފަޅުގެއާ އެއް މަގެއްގައި ހުންނަ ގެއެކެވެ.

އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ އާއިލާއިން، މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހުމޫދު ފެނުނު އިރު ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތެވެ.

ފުލުހުން ބުނީ މަހުމޫދު މަރާލުމުގައި ސާލިމް ފިޔަވާ އިތުރު މީހަކު ބައިވެރިވެފައި ނުވާ ކަމަށެވެ.