އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރާލި އިރު އޭނާގެ ހަށިގަނޑުގެ 30 ތަނަކަށް އަނިޔާ ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިހާރު ފުލުހުން ބާއްވަމުން ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މަހުމޫދުގެ ބޮލުގެ ތިން ތަނަކަށާއި ހަޑިގަނޑުގެ އެތަން މިތަނަށް އަނިޔާ ދީފައިވާ ކަމަށެވެ. އެގޮތުން މަހުމޫދުގެ ހަށިގަނޑުގެ 30 ތަނަކަށް އަނިޔާ ދީފައިވާ ކަން ފާހަގަ ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރި އިރު، ފުލުހުންނަށް ފާހަގަ ކުރެވުނު ކަންކަން ހިއްސާ ކުރި އިރު މި މައްސަލައިގައި މަހުމޫދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޝާ އަލޮމް މިއާ ވަނީ އެރޭ މަހުމޫދަށް ގުޅާފައެވެ. އަދި މަހުމޫދު އެރޭ ނެދުން ގެއަށް ވަން ވަގުތު ފުރަތަމަ ހަމަލާ ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މަހުމޫދަށް ހަމާލާ ދިން ރޭ ތިން ފަހަރެއްގެ މަތިން ޝާ އަލޮމް މިއާ ވަނީ މަހްމޫދަށް ހަމާލާދީފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެރޭ 2 އަކާއި 3 އަކާ ދެމެދު ޝާ އަލޮމް މިއާ މަހުމޫދުގެ ހަށިގަނޑު އެއްޗެއް ލައިގެން ގޮނޑުމަތީގައި ގެންގޮސްފައި ވާ ތަން ސީސީޓީވީ ފުޓޭޖުން ފެނިފައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގައި ތަހުގީގަށް މައުލޫމާތު ދެމުން ޝާ އަލޮމް މިއާ ވަނީ އޭނާ މަހުމޫދު މަރާލީ އޭނާ އެކަނި ކަމަށާއި އެ ކަމުގައި އެއްވެސް އިތުރު މީހަކު ބައިވެރި ނުވާ ކަމަށް އިއިތިރާފް ވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ޝާ އަލޮމް މިއާ މަހްމޫދަށް އަނިޔާ ދިނީ ފައިސާގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. އަދި ޝާ އަލޮމް މިއާ އާ ގުޅޭ އެފަދަ މައްސަލައެއް މީގެ ކުރިން ވެސް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 15:16 ހާއިރުއެވެ. އެއީ އެ އާއިލާއިން މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ.
މަހުމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތް އިރު އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް މަހާފައެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ޝާ އަލޮމް މިއާ ފުލުހުން ހައްޔަރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ޝާ އަލޮމް މިއާ އަކީ އެ ރަށު ނެދުންގޭގައި އުޅޭ ބިދޭސީ މީހެކެވެ. އެ ގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ މީހަކާއި އެމީހާ ބަލަން ހުންނަ މި ބިދޭސީ މީހާ އެކަންޏެވެ. އަދި މި މައްސަލައިގައި އޭނާ ހައްޔަރު ކޮށް ފުލުހުން ވަނީ މަހުމޫދު މަރާލި ގޮތް އޭނާ ލައްވާ ކުޅުވާފައެވެ.
ނެދުން ގެއަކީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ފަޅުގެއާ އެއް މަގެއްގައި ހުންނަ ގެއެވެ.