ސްރީލަންކާއިން ބޭރުގައި މަސައްކަތް ކުރާ އެގައުމުގެ ރައްޔިތުންގެ ތެރެއިން ގާނޫނާއި ގަވައިދާ ހިލާފަށް ފައިސާގެ މުއާމަލާތްތައް ކުރާ މީހުންގެ އެކައުންޓްތައް ވަގުތުން ފްރީޒް ކުރާނެ ކަމަށް އެގައުމުގެ މަރުކަޒީ ބޭންކުން ބުނެފިއެވެ.
ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޖިތް ނިވާދް ކަބްރާލް ކުރެއްވި ޓުވީޓެއްގައި ވަނީ ގާނޫނާއި ގަވައިދުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ކުރުމަށް ސްރީލަންކާއިން ބޭރުގައި މަސައްކަތް ކުރާ އެގައުމުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، މިފަދަ ކަންކަމުގައި ބޭނުން ކުރެވޭނެ ހަރުދަނާ މާލީ ނިޒާމުތައް އެބަހުރި ކަމަށާ ގަވައިދާ ހިލާފަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި މިގޮތަށް ކަންތައް ނުކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅާ އެމީހުންގެ އެކައުންޓްތަކުގައި ހުންނަ ފައިސާ ހިފަހައްޓާނެ ކަމަށް ވެސް ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާގެ މަރުކަޒީ ބޭންކުން ވަނީ މިމަހުގެ ތެރޭގައި ސްރީލަންކާއިން ބޭރުގައި މަސައްކަތް ކުރާ ފަރާތްތަކުން އެމެރިކާ ޑޮލަރުން ސްރީލަންކާ ރުޕީސްއަށް ބަދަލުކުރާ ކޮންމެ ޑޮލަރަކަށް 10 ރުޕީސް ދޭނެ ކަމަށް ވެސް ބުނެފައެވެ.
އަދި މިގޮތަށް ފައިސާ ބަދަލުކުރަން ޖެހޭނީ ސްރީލަންކާގެ ބޭންކިންގްގެ ނިޒާމުގެ ތެރެއިން ނުވަތަ އޮފިޝަލު އެހެން ނިޒާމެއްގެ ތެރެއިން ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.