ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބަލަންޑޯ އެވޯޑް އާޖެންޓީނާގެ ފޯވަޑް ލައިނަލް މެސީއަށް ލިބިއްޖެއެވެ.

މިއީ މެސީ މި އެވޯޑް ކާމިޔާބުކުރި ހަތް ވަނަ ފަހަރަށް ވީ އިރު މެސީއަކީ މިހާތަނަށް އެންމެ ގިނަ ބަލަންޑޯ ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. މީގެ ކުރިން އޭނާއަށް މި އެވޯޑް ލިބިފައިވަނީ 2009، 2010، 2011، 2012، 2015 އަދި 2019 ވަނަ އަހަރު އެވެ.

މެސީއަށް މީގެ ކުރިން 6 ފަހަރު ބަލަންޑޯ އެވޯޑް ލިބުނު/ ފޮޓޯ: ޓުވިޓާ

2020 ވަނަ އަހަރު ކޮވިޑްގެ ސަބަބުން ބަލަންޑޯ ދޭން ނިންމާފައި ނުވާ އިރު ރޭ ޕެރިހުގައި ދިން 2021 ވަނަ އަހަރުގެ އެވޯޑަކީ މިދިޔަ ސީޒަންގައި ކުޅުންތެރިން ދެއްކި ކުޅުމަށް ދިން އެވޯޑެކެވެ.

އުމުރުން 34 އަހަރު މެސީ މިއަހަރު ވަނީ އާޖެންޓީނަށް ކޮޕާ އެމެރިކާ ޓްރޮފީ ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މިދިޔަ ސީޒަންގައި އޭނާ 40 ލަނޑު ޖެހި އިރު އޭނގެ ތެރެއިން 28 ލަނޑު ޖެހީ އޭނާ އޭރު ކުޅުނު ބާސަލޯނާއަށެވެ.

އެވޯޑާ ހަވާލުވުމަށް ފަހު މެސީ ބުނީ އޭނާއަށް އަނެއްކާވެސް ބަލަންޑޯއެއް ލިބޭނެ ކަމަށް އުއްމީދު ނުކުރަން ކަމަށާ މިކަމާ އުފާ ކުރާ ކަމަށެވެ. އަދި މިދިޔަ ސީޒަންއަކީ އޭނާއަށް ހާއްސަ ސީޒަނެއް ކަމަށާ އާޖެންޓީނާގެ ޖާޒީގައި އެފަދަ ކާމިޔާބީއެއް ލިބުމުން ފަހުރުވެރިވާ ކަމަށެވެ.

މެސީ ވަނީ މިސީޒަންގައި ފަރަންސޭސި ޓީމު ޕީއެސްޖީއަށް ބަދަލުވެފައެވެ.

ރޭގެ އެވޯޑް ހަފްލާގައި ދުނިޔޭގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަޔާން މިއުނިކްގެ ޕޯލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީއެވެ. އަދި ތިން ވަނަ އަށް ހޮވުނީ ޗެލްސީ އަދި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯއެވެ.