ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ގާއިމު ކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

އެންސީއައިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އަތޮޅުގެ 12 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށް "ސޯލާ ޕީވީ-ބެޓެރީ-ޑީސަލް ހައިބްރިޑް" ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސިނޯ ސޯރް ހައިބްރިޑް ޓެކްނޮލޮޖީއާއެވެ.

މި މަސައްކަތް ނިމުމުން އިރުގެ އަލި ބޭނުންކޮށްގެން 2.5 މެގަވޮޓްގެ ހަކަތަ އުފެއްދޭނެއެވެ. އަދި މި މަސައްކަތުގެ ދަށުން 975 ކިލޮވޮޓުގެ ބެޓެރީ ސިސްޓަމަކާއެކު، 3،180 މީޓަރުގެ ކޭބަލް އެޅުމާއި ޒަމާނީ ފެންވަރުގެ ޖަނެރޭޓަރު ކޮންޓްރޯލް ޕެނަލް ވެސް ބަހައްޓާނެއެވެ.

ކާމިޔާބުކަމާ އެކު މި މަސައްކަތް ނިމުމުން އަހަރަކު 1.2 މިލިއަން ލިޓަރުގެ ޑީސަލް ނުވަތަ ފައިސާ އިން ހިސާބު ހަދާ ނަމަ 12 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 2،900 ޓަނުގެ ސީއޯ ޓޫ މަދުކުރެވޭނެ ކަމަށް ވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މިނިސްޓްރީން ބުނީ ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި ހިމަނާ ތެލަށް ބަރޯސާވާ ވަރު ކުޑަކޮށް ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ރާއްޖެ އިން ލިބެން ހުރި އިޔާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދާ އޭގެ ބޭނުންކުރުން އިތުރު ކުރަމުން އަންނަ ކަމަށެވެ.

ނެޓް ޒީރޯ އަށް ވާސިލު ވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިރުގެ އަލިން ހަކަތަ އުފައްދާ މަދުވެގެން 50 މެގަވޮޓްގެ އިތުރު ހައިބްރިޑް ސޯލާ ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. މިހާރު ރާއްޖޭގައި އިރުގެ އަލިން 36.5 މެގަވޮޓްގެ ހަކަތަ އުފައްދައެވެ.