ޖަނަވާރަށް ފަރުވާ ދިނުމަށް ވިލިމާލޭގައި ގާއިމު ކޮށްފައިވާ ވެޓެރިޓަރީ ސާވިސް ހުއްޓާލަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ނެރުނު ބަޔާނެއްގައި ބުނީ، އެތަނުން އާންމު ފަރާތްތައް ގެންގުޅޭ ޕެޓް ޖަނަވާރަށް ދެމުން ގެންދިޔަ ބޭސްފަރުވާގެ ހިދުމަތް ދިނުމަށް ވެޓެރިނަރީ ކްލިނިކް މިހާރު ގާއިމުކޮށްފައި ވާތީ، އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިލިމާލޭގައި ހުންނަ ވެޓެރިޓަރީ ސާވިސުން ޕެޓް ޖަނަވާރަށް ބޭސްފަރުވާ ދިނުން ރަސްމީކޮށް ހުއްޓާލަން ވަނީ ނިންމާފައި ކަމަށެވެ.

އަދި މިހާރު އެތަނުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައި ވަނީ ވިލިމާލެ ވެޓެރިޓަރީ ސާވިސް ހިންގާ އިމާރާތުގައި ކަތުރު ފަނި އަޅައިގެން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާތީ އިމާރާތް މަރާމާތު ކުރުމަށް ކަމަށް އެމިނިސްޓްރީން ބުނެއެވެ. އެހެންކަމުން މިއަދުން ފެށިގެން އެތަނުން ޕެޓް ފަދަ ޖަނަވާރަށް ފަރުވާ ދިނުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުން ވަނީ ހުއްޓާލާފައި ކަމަށް އެ މިނިސްޓްރިން ބުނެއެވެ.

ނަމަވެސް ޕެޓް ޖަނަވާރުގެ ސާޖަރީއަށް އެދި މިހާތަނަށް ހުށަހަޅާފައިވާ ފަތާތްތަކަށް ދޫކޮށްފައިވާ އެޕޮއިންޓްމަންޓްތަކަށް ހިދުމަތް ދޭނެ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް އެ މިނިސްޓްރީގެ ނަންބަރު 3339212، 3339220 އަށް ރަސްމީ ގަޑީގައި ގުޅުމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އިމަޖެންސީ ހާލަތްތަކުގައި ވެޓެރިނަރީ ސާވިސްގެ ހޮޓްލައިން ނަންބަރު 7448286 އަށް ގުޅުމަށް އެ މިނިސްޓްރީން ބުނެއެވެ.