ފުލުހުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ހިދުމަތްތައް ބޭނުން ކުރަމުންދާ ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ ދޮންނަ ތަނަކީ ފުލުހުންގެ އިދާރާ ކަމަށް، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.

"ޗޭންޖް އެންޑީއޭ" ގެ ނަމުގައި މަޖިލީހަށް ހުށަހެޅި ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުން ކުރި ބަހުސްގައި ޔައުގޫބު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ހިދުމަތް ފުލުހުންގެ އިދާރާއަށް ހޯދަމުން ގެންދާ ކަމަށާއި، ފުލުހުންނަށް އެފަދަ މައްސަލަ ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

މިއީ ހިތާމަހުރި ކަމެއްކަމުގައި ވިދާޅުވެ، ޔައުގޫބު ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ހިދުމަތްތައް ފުލުހުުން ހޯދަމުންދަނީ އެކަން އެނގިތިބެ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެހެންކަމުން މިއީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި، މަސްތުވާތަކެތީގެ މަސައްކަތަށް ބާރުދެވޭ ކަމެއް ކަމާއި، މިކަމުގެ ސަބަބުން މި މައްސަލައަށް ހެޔޮ ބަދަލެއް ނާންނާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ މީގެ އެތައް އަހަރުތަކެއް ކުރިން ފެށިގެންވެސް ހިނގަމުން އައި ކަމެއް ކަމަށާއި އެކަން ހިނގާކަން ފުލުހުންނަށް އެނގި އެކި ރިޕޯޓުތަކުގައިވެސް އެ މައުލޫމާތު ވާކަމަށެވެ.

ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ޔައުގޫބު ނުދެއްވައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދާލަން ގުޅާލުމުން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

ޕެޓިޝަން ކޮމިޓީން އެންޑީއޭގެ މައްސަލަ ބެލުމަށްފަހު، އެ ރިޕޯޓުގައި އެންޑީއޭގެ މައްސަލަތައް ފާހަގަކޮށް ފައިނޭންޝަލް އޮޑިޓެއް ހަދަން ލަފާ ދީފައިވެއެވެ.