ދޭތެރެ ދޭތެރެއަކުން ބީއެމްއެލްގެ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް، އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ހިދުމަތްތައް މެދުކެނޑޭ މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި އެ ބޭންކުން ބުނީ، ބޭންކުގެ ހިދުމަތްތައް ރަނގަޅު ކުރުމަށާއި، ސިސްޓަމްތަކުގެ ސްޓޭންޑަޑް ދެމެހެއްޓުމަށްޓަކައި ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން މީގެ ހަފްތާއެއް ކުރިން ބީއެމްއެލްގެ ކޯ ބޭންކިން ސިސްޓަމްގެ އަޕްގްރޭޑް މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަން ފާހަގަކޮށް ބޭންކުން ބުނީ، އެ މަސައްކަތަކީ އުނދަގޫ މަސައްކަތަކަށް ވުމާއެކު، ހިދުމަތް މެދުކެނޑުމުގެ މައްސަލަ ކުރިމަތިވާނެ ކަމަށެވެ.

އެހެންނަމަވެސް، އަޕްގްރޭޑްގެ ސަބަބުން ސިސްޓަމްތައް މެދުކެނޑިގެން ދާނީ ކުޑަ މިންވަރަކަށް ކަމާއި، އެފަދަ ކަމަކަށް ތައްޔާރުވެ، ކަސްޓަމަރުންނަށް އެކަން ދުރާލާ އަންގާފައިވާނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

އަދި މި މަސައްކަތުގެ ސަބަބުން ހިދުމަތްތަކަށް ބުރޫއަރާތީވެ ބީއެމްއެލުން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.

މިއީ 24 ގަޑިއިރުގެ ތެރޭ ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫއެރި ދެވަނަ ފަހަރެވެ. މީގެ ދުވަސްކޮޅެއް ކުރިންވެސް ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ދިމާވި ދަތިތަކާ ހުރެ، އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ބީއެމްއެލަށް ފާޑުކިޔައިފައެވެ.