ގައުމުގެ ތަރައްގީއަށާއި މީހުން ބިނާ ކުރުމަށް ދިރާގުން މެދުކެނޑުމެއް ނެތި ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވާ ނައިބު ރައީސް ފައިސަލް ނަސީމް އެ ކުންފުންނަށް ތައުރީފް ކުރައްވައިފިއެވެ.
ފައިސަލް މިހެން ވިދާޅުވީ، ދިރާގުގެ މިދިޔަ އަހަރުގެ އެޕްރެޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ފާހަގަ ކުރުމަށް ރޭ ކްރޮސްރޯޑްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ގައުމުގެ ތަރައްގީއަށް އޮތް އެންމެ މުހިއްމު އެއް ކަމަކީ މީހުން ބިނާ ކުރުން ކަމަށެވެ. ދިރާގަކީ އެންމެ ކުރިން ފެށިގެން ވެސް ޓްރެއިނިން ދީ ގެން ވަރަށް ރަނގަޅު ޓީމެއް ބިނާ ކޮށްފައިވާ ކުންފުންޏެއްގެ ގޮތުގައި ފައިސަލް ސިފަ ކުރެއްވިއެވެ. އަދި މީހުން ބިނާކުރުމުގައި ގިނަ އަހަރުތަކެއް މެދުނުކެނޑި ދިރާގުން ކުރަމުންދާ މަސައްކަތް ވެސް އެމަނިކުފާނު ފާހަގަކޮށް އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް އެމަނިކުފާނު ޝުކުރު އަދާ ކުރެއްވިއެވެ.
ތަރައްގީގެ ރޭހުގައި ރާއްޖެއަށް ކުރިއަށް ދިއުމަށް ދިރާގުގެ ވަރަށް ބޮޑު ރޯލެއް އަދާ ކުރައްވާ ކުންފުންޏެއްގެ ގޮތުގައި ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ދިރާގަކީ ރާއްޖެ ތަރައްގީ ވުމުގައި ވަރަށް ބޮޑު ހިއްސާއެއް އޮތް ކުންފުންޏެއް ކަމަށާއި މުއާސަލާތީ ނިޒާމަކީ މިހާރުގެ ޓެކްނޮލޮޖީ ޒަމާނުގައި ތަރައްގީއަށް ކުރާ ކަންކަމުގައި އެންމެ ބޭނުންތެރި ވަސީލަތް ކަމުގައި ފައިސަލް ފާހަގަ ކުރެއްވިއެވެ.
ކޮވިޑްގެ ބަލި ހާލަތަު ރާއްޖެއަށް އައިސް މަސައްކަތައް ހުއްޓުމަކަށް ނުގިސް ކުރިއަށް ގެންދެވުނީ ވެސް ދިރާގު ފަދަ ކުންފުނިތަކުގެ ސަބަބުން ކަމަށް ފާހަގަ ކުރައްވާ ދިރާގު ކުރި މަސައްކަތަށް އެމަނިކުފާނު ތައުރީފް ކުރެއްވިއެވެ. ހުރިހާ ކަމެއްވެސް ވާޗުއަލް ކޮށް ކުރިއަށް ގެންދަން ޖެހި އިންޓަނެޓްގެ ޒަރިއްޔާ އިސްކުރަން ޖެހުނު އެ ދަނޑިވަޅުގައި ދިރާގުން ކުރި ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.