"މޯލްޑިވްސް މެރިން އެކްސްޕޯ 2021 "ގެ މެއިން ސްޕޮންސާ އެއްބަސްވުމުގައި އެމްޓީސީސީން މިއަދު ސޮއިކޮށްފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވްއޮފިސާ އާދަމް އާޒިމް އެވެ. އަދި މޯލްޑިވްސް މެރިން އެކްސްޕޯގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް މެނޭޖާ ޝާމް މުހައްމަދު އެވެ.

އެމްޓީސީސީން ބުނީ މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިންގް އެސޯސިއޭޝަންއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެއް ކަމަށެވެ.

މި އެކްސްޕޯގައި އެމްޓީސީސީން ބައިވެރިވަމުން އަންނަ އެންމެ ބޮޑު އެއް މަގްސަދަކީ ކުންފުނިން ވިއްކާ މެރިން ދާއިރާއާ ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު މި ދާއިރާގެ ވިހާވެސް ގިނަ ބައިވެރިންނަށް ހިއްސާކޮށް، މި ދާއިރާއިން އެކުންފުނިން ހޯދާފައިވާ އިތުބާރު ދެމެހެއްޓުން ކަމަށް އެމްޓީސީސީން ބުނެއެވެ.

މެރިން އެކްސްޕޯގައި އެމްޓީސީސީން މިއަހަރު އެގްޒިބިޓް ކުރަން ނިންމާފައިވާ ޕްރޮޑަކްތަކަކީ ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީއައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް، މެރިން ކޯޓިންގްސް އަދި އެމްޓީސީސީގެބޯޓު ޔާޑުން ދޭ ޑޮކިން، އިންޖިނޭރިން، ވެލްޑިން، މެޓަލް ފެބްރިކޭޝަން، ފައިބާ އަދި ވަޑާމުގެ ހިދުމަތްތަކުގެ މައުލޫމާތު ވެސް މި އެކްސްޕޯ އިން ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އެމްޓީސީސީގެ ތިލަފުށި ބޯޓްޔާޑުން އެއްފަހަރާ 20 އުޅަނދަށް މިހާރު ވެސް ޖާގަ ލިބޭނެ ކަމަށާއި އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު 200 ޓަނުގެ ބޯޓު ހޮއިސްޓް ވެސް ބޭނުން ކުރަމުންދަނީ މިވަގުތު މިބޯޓް ޔާޑުގައި ކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލަކާއި ހިދުމަތެއްގެ ހައްލު އެއް ފުރާޅެއްގެ ދަށުން އޮޑިވެރީންނާއި، މަސްވެރީންނަށް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.