ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ނަފްރަތުގެ ބިލް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 16 ގައެވެ. އެ ބިލު ފާސްކުރުމަށް މަޖިލީހުން ވޯޓުދެއްވީ 50 މެމްބަރުންނެވެ. އެއްވެސް މެމްބަރަކު އެ ބިލާ ދެކޮޅަށް ވޯޓެއް ނުދެއްވައެވެ.

އެހެންކަމުން މިއަދު ރައީސް އެ ބިލު ތަސްދީގު ކުރެއްވުމުން، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި، މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ވާނީ ކުށަކަށެވެ.

އެ އިސްލާހުގައިވާ ގޮތުން، އިސްލާމްދީނުގެ ސުންނަތް ޖަމާއަތުގެ ރައުޔަކާ ހިލާފުނުވާ ގޮތަށް މުސްލިމަކު ހިޔާލު ފާޅު ނުކުރަނީސް ނުވަތަ އަމުރު ނުކުރަނީސް، އޭނާއަކީ ދީނާ ދެކޮޅު މީހެއް ކަމަށް ބުނުމާއި، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު، އޭނާއަކީ ކާފަރެއް ކަމަށް ސިފަކުރުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ހަތަރު މަހާ ތިން ހަފްތާ އާއި ތިން ދުވަހުގެ ޖަލު ހުކުމެކެވެ.

އެ އިސްލާހުގައިވާ އިތުރު ބައެއް ކަންތައްތައް:

  • ދީނަށް ފުރައްސާރަކުރުމުގެ ގޮތުން، މާތް ﷲ އާއި ރަސޫލާގެ ސުންނަތާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް، ދޮގު މައުލޫމާތު ފެތުރުމަކީ ކުށެއް، ނަމަވެސް ހުކުމްތައް ބަޔާންކުރަން އެއްވެސް ހުރަހެއް ނެތް
  • އެފަދަ ކަމަކާ ގުޅުވައިގެން މީހަކަށް އަނިޔާއެއް ދޭން ގޮވާލުން ނުވަތަ އަނިޔާ ކުރުމަކީ ކުށެއް
  • އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް
  • ސިޔާސީ ގޮތުންނާއި ނަސްލީގޮތުން މީހަކަށް އަނިޔާ ދިނުމަށް ގޮވާލުންވެސް އެއީ ހަމަ އެފަދަ ކުށެއް

ސަރުކާރުން އެންމެ ފުރަތަމަ އެ ބިލު މަޖިލީހަށް ހުށަހެޅިއިރު އެ ބިލު އޮތްގޮތުން ގިނަ އާންމުން ވަނީ، އެ ބިލަކީ އިސްލާމްދީނާ ދެކޮޅު މީހުން ހިމާޔަތްކުރާ ބިލެއް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔައިފައެވެ. އެހެންކަމުން ކޮމިޓީ މަރުހަލާގައި އެ ބިލަށް ބޮޑެތި ބަދަލުތައް ގެނެސްފައިވެއެވެ.