ހިޔާ ފްލެޓު ހެދި މީހުން އަޅުވާފައި ހުރި ފެން މީޓަރުތަކުގެ ތެރެއިން 4000 އެއްހާ މީޓަރު ރަނގަޅު ކަމަށާއި، މާދަމާއިން ފެށިގެން އެ މީޓަރުތަކަށް ބިލް ކުރަން ފަށާނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

މިއަދު ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި މީޑިއާ ބްރީފިންގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، ހިޔާ ފްލެޓުގައި މީޓަރު އަޅުވާފައި ހުރި އިރު، އިމާރާތް ކުރި ކޮންޓްރެކްޓަރުން އެތަނުގައި އަޅުވާފައި ހުރީ އެމްޑަބްލިއުއެސްސީން ބޭނުން ކުރާ ކަހަލަ މީޓަރެއް ނޫން ކަމަށެވެ. އެހެންކަމުން އެމްޑަބްލިއުއެސްސީގެ ސްޓޭންޑަޑާ އެއްގޮތަށް ސައްހަ ރީޑިން ނެގިދާނެ ކަމާމެދު ޔަގީން ކަމެއް ނެތުމުން، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ޝާހު ވިދާޅުވިއެވެ.

އަދި ކޮންޓްރެކްޓަރު އަޅުވާފައި ހުރި ފޯލްޓީ މީޓަރާއި (މައްސަލަ ހުރި މީޓަރު) އަދި މީޓަރުތަކުގައި ކޮމަން ސީރިއަލް (އެއް ނަންބަރެއް) ނަންބަރު ހުރުމުގެ ސަބަބުން އެމްޑަބްލިއުއެސްސީގެ ޑޭޓާބޭސް އަށް އެޅުމުގައި ދަތިތަކެއް ދިމާވާ ކަމަށް، ވެސް ޝާހް ވިދާޅުވިއެވެ. އެގޮތުން ހިޔާ ފްލެޓުގައި ހުރި މީޓަރުތައް ބެލި ބެލުމުގައި 3500 އާއި 4000 މީޓަރާ ދޭތެރޭގެ އަދަދަކަށް ސައްހަ މީޓަރު ހުރި ކަމަށާއި އަދި އެ މީޓަރުތަކަށް ފެން ބިލް ހެދުމަށް މިހާރު ތައްޔާރުވެފައި ވާ ކަމަށެވެ.

ހިޔާ ފްލެޓްގެ ފެނުގެ ކަނެކްޝަންތަކުގެ މައްސަލަތަކެއް ވެސް ހުރިކަން މިއަދު ޝާހް ފާހަގަ ކުރެއްވިއެވެ. އެގޮތުން ފެނުގެ މައި ނެޓްވޯކުން ފެށިގެން ފެން މީޓަރުތަކާ ހަމައަށް އަޅާފައި އޮތީ، އެމްޑަބްލިއުއެސްސީން ބޭނުން ކުރާ ކަހަލަ ހޮޅިއެއް ނޫން ކަމަށާއި، މައި ނެޓްވޯކްގެ ފެން ހޮޅިއަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، މަރާމާތު ކުރަން ހުރި ގޮންޖެހުންތަކަށް ވެސް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާލުވިއެވެ.

މީގެ އިތުރުން ހިޔާ ފްލެޓް އިމްރާތް ކޮށްފައިވާ ގޮތުން އެއް އެޕާޓުމަންޓުގައި މެއިންޓެނަންސް ކުރަން ބޭނުންވެއްޖެ ހިނދެއްގައި މުޅި ފްލޯ އިން ފެން ކަނޑާލައިގެން ނޫނީ އެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ. ނަމަވެސް ރަނގަޅަށް ވޭލްވް ހަރުކުރެވިފައި ހުރިނަމަ، މުޅި ފްލޯ އެއްކޮށް ފެން ކަނޑާނުލައި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ބާކީ ހުރި ފޯލްޓީ ފެން މީޓަރުތަކާއި ހޮޅިލައިންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކޮންޓްރެކްޓަރާ ގުޅައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ ލަފާދީފައި ކަމަށް ޝާހު ވިދާޅުވިއެވެ. އެ ކޮންޓްރެކްޓަރުންގެ އެއްބާރުލުން ނުލިބޭނަމަ، އެމްޑަބްލިއުއެސްސީގެ އަމިއްލަ ހަރަދުގައި ހިޔާގެ މައްސަލަަތަކަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ޝާހް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތައް ހަވާލު ކުރިފަހުން އެތަނުގައި ދިމާވާ ފެން ބިލުގެ މައްސަލަތައް ބައެއް ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. އެހެންކަމުން އެމްޑަބްލިއުއެސްސީން ވަނީ ފެނުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށް މަސައްކަތް ކޮށްފައެވެ.

މާދަމާ އެމްޑަބްލިއުއެސްސީން ބިލް ކުރަން ފަށާއިރު، ގިނަ ފްލެޓްތަކުގެ އިންޓިރިއާގެ މަސައްކަތް ދަނީ ކުރިއަށެވެ. މީހުން ދިރިއުޅެނީ 600 އެއްހާ ޔުނިޓުގައެވެ.