ކޮވިޑް-19 ޕެންޑިކަށް ދުނިޔެ މިހާރު ހޭނިފައިވީ ނަމަވެސް ބަލީގެ އިތުރު ވޭރިއަންޓްތަކާއެކު އިންފެކްޝަންގެ ރާޅުތައް ދޭތެރެ ދޭތެރެއިން އިތުރުވަމުން ދެއެވެ. ބަލި ދިފާއުވުމަށް ވެކްސިން އުފެއްދި ފަހުން މި ރާޅުތަކުގެ ނުރައްކާތައް ކުޑަވި ނަމަވެސް ވެކްސިން ނުޖެހުމާ ކޮވިޑުން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅުތަކުގައި ދޫ ދިނުމުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ.

ދުނިޔެއަށް މިވަގުތު މިވަނީ އަނެއްކާވެސް ކޮވިޑްގެ އާ ވެރިއަންޓަކާ ކުރިމަތިލާން ޖެހިފައެވެ. ދެކުނު އެފްރިކާއިން މިމަހުގެ 24 ވަނަ ދުވަހު ރިޕޯޓް ކުރި އޮމިކްރޯން ވޭރިއަންޓަކީ ކަންބޮޑުވާ ސިފަ ތަކެއް ހުރި ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފައިވާ އިރު މިހާތަނަށް އޮމިކްރޯންއާ ބެހޭ ގޮތުން އެނގެން ހުރި މައުލޫމާތަށް ބަލާލަމާ ހެއްޔެވެ.

"އޮމިކްރޯން" ވޭރިއަން ނުރައްކާ ވަނީ ކިހިނެއް ވެގެން؟

މިހާތަނަށް ހޯދި ހޯދުންތަކުން ސައިންސްވެރިންނަށް އެނގުނީ "އޮމިކްރޯން" ވޭރިއަންޓަކީ ގިނަ މިއުޓޭޝަންތަކެއް ހުރި ވޭރިއެންޓެއް ކަމަށެވެ. މީގެ ކުރިން އުޅުނު ޑެލްޓާ އަދި ބީޓާ ވޭރިއަންޓުން ފެނުނީ 2 ނުވަތަ 3 މިއުޓޭޝަން ކަމަށާ، އޮމިކްރޯން ވޭރިއަންޓުން 30 މިއުޓޭޝަން ފާހަގަ ވެފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

ކޮވިޑް ވޭރިއެންޓެއް ދައްކުވައިދޭ ފޮޓޯއެއް/ ފޮޓޯ: ރޮއިޓާސް

ވޭރިއަންޓެއްގައި ހުންނަ މިއުޓޭޝަން އިތުރުވުމުން އިންސާނެއްގެ ހަށިގަނޑަށް މި ވައިރެސް ވަނުމަށް ފަހު ހަށިގަނޑު ފޮނުވާލާ ދިފާއީ ހަމަލާތަކުން ސަލާމަތްވުމުގެ ބާރު މި ވޭރިއަންޓަށް ލިބިގެންދާ ކަމަށާ، މީގެ ސަބަބުން މި ވޭރިއަންޓް އެކަކު ގައިން އަނެކަކު ގަޔަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މިހާތަނަށް ހޯދި ހޯދުންތަކުން ދައްކައެވެ.

އޮމިކްރޯން ވޭރިއަންޓް ވެކްސިން އަށް ގުޑާތަ؟

އޮމިކްރޯން ވޭރިއަންޓްގެ މިއުޓޭޝަންތައް ގިނަ ނަމަވެސް މިހާތަނަށް މި ވޭރިއަންޓްގެ ކޮވިޑް ޖެހޭ މީހުންނަށް ބަލީގެ ބޮޑުވަރުވާކަން ހޯދުންތަކުން ދައްކާފައެއް ނުވެއެވެ. އެހެން ނަމަވެސް ފާހަގަކުރަން ޖެހޭ ކަމަކީ އޮމިކްރޯނަކީ މީގެ ކުރިން ފެނިފައިވާ ވޭރިއަންޓްތަކާ މުޅިން ތަފާތު ވޭރިއެންޓެއް ކަމާއި މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކަކީ އެންމެ ފުރަތަމަ ފެތުރުނު ވައިރަސް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ވެކްސިންތައް ކަމެވެ.

ބްރެޒިލްގައި ކޮވިޑް ވެކްސިން ޖަހަނީ/ ފޮޓޯ: ރޮއިޓާސް

އެހެން ކަމުން އެތަށް މިއުޓޭޝަންތަކެއް އެކުލެވޭ އެމިކްރޯން ވޭރިއަންޓް މިހާރު ހުރި ވެކްސިނަށް ނުގުޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާ މިކަން ޔަގީންކޮށް ދެވެން އޮންނާނީ އިތުރު ތަހްލީލުތައް ހަދައިގެން ކަމަށް ސައިންސްވެރިން ބުނެއެވެ. އޮމިކްރޯންއާ ދެކޮޅަށް ގައުމުތަކުން ފިޔަވަޅުތައް އަޅަމުންދާ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ މި ވޭރިއަންޓް ކޮވިޑް ވެކްސިނަށް ގުޑާތޯ ނުގުނޑާތޯ ބެލުމަށް ތަހުލީލުތައް ހަދަމުންނެވެ.

އޮމިކްރޯން ވޭރިއަންޓް ފެތުރިފައިވަނީ ކޮން ގައުމުތަކެއްގައި؟

މި ވޭރިއަންޓް ދެކުނު އެފްރިކާގައި އުޅޭ ކަމަށް އެގައުމުން ފުރަތަމަ ޑަބްލިއުއެޗްއޯއަށް އެންގީ މިމަހުގެ 24 ވަނަ ދުވަހެވެ. މިހާތަނަށް ފެނިފައި ވަނީ އެގައުމުގެ އިތުރުން ޔޫރަޕުން ބެލްޖިއަމާއި މެދު އިރުމަތިން އިޒްރޭލާއި އޭޝިއާއިން ހޮންގްކޮންގް އިންނެވެ.

މީގެ އިތުރުން، ވިލާތުގެ ސިއްހީ މާހިރުން ބުނެފައިވަނީ މި ވޭރިއަންޓް މިވަގުތު އެބައްރުގައި ފެތުރެމުން ދިއުމުގެ ފުރުސަތު ބޮޑު ކަމަށާ މިކަމަށް ތައްޔާރުވުން މުހިންމު ކަމަށެވެ. އެމެރިކާގެ ސިއްހީ ވުޒާރާތަކުން ވަނީ މި ވޭރިއަންޓްގެ ކޭހެއް އެގައުމުން އަދި ފެނިފައި ނުވާ ކަމަށް ބުނެފައެވެ.

އެފްރިކާ ބައްރުގެ ދެކުނުން އަންނަ ދަތުރުވެރިން ގިނަ ގައުމުތަކަށް އެތެރެވުން މިހާރު ދަނީ މަނާ ކުރަމުން/ ފޮޓޯ: ރޮއިޓާސް

އޮމިކްރޯންއާ ދެކޮޅަށް ފިޔަވަޅު އެޅީ ކޮން ގައުމުތަކެއް އަދި ކޮން ފިޔަވަޅެއް؟

އޮމިކްރޯންގެ ފުރިހަމަ ތަހުލީލެއް ނުހެދެނީސް އަވަސް އަރުވާލައިގެން ފިޔަވަޅުތައް ނޭޅުމަށް ޑަބްލިއުއެޗްއިން ގައުމުތަކަށް އަންގާފައިވާ ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ އެފްރިކާ ބައްރުގެ ދެކުނުގެ ހިސާބުތަކުން އަންނަ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކުރަން ފަށާފައެވެ. މިގޮތުން، ޔޫރަޕްގެ ގައުމުތަކާ އިނގިރޭސިވިލާތް އަދި އެމެރިކާއިން މިފަދަ ފިޔަވަޅުތައް އަޅާފައިވާ އިރު ސައުދީ، ޖަޕާން، އިންޑިއާ އަދި އީރާނުން ވެސް ވަނީ މިފަދަ ވޭރިއަންޓެއް ފެތުރުނަ ނުދިނުމަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ.