ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހުރުކް ހާން އަދި އިންޓީރިއާ ޑިޒައިނާ ގޯރީ ހާންގެ އަންހެން ދަރި ސުހާނާ ހާންގެ ހިތް ކުދިކުދި ވެއްޖެއެވެ.

ތައުލީމު ހާސިލު ކުރުމަށް ނިއުޔޯކުގައި ހުރި ސުހާނާ އަންނަނީ އެގައުމުގެ ކޮލެޖަކުން ފިލްމު ހެދުމުގެ ކޯހެއް ހަދަމުންނެވެ. އާއިލާ އާ ދުރުގައި ނިއުޔޯކުގައި ހުރި ސުހާނާ އެނބުރި އިންޑިއާއަށް އަންނަން އުޅޭކަމުގެ އިޝާރާތެއް މިވަނީ ކޮށްފައެވެ.

ދާދި ފަހުން އިންސްޓާގުރާމު މެދުވެރިކޮށް ސުހާނާ ހިއްސާކުރި ޕޯސްޓެއްގައި ސުހާނާ ވަނީ ޓްރަކެއްގައި ތަތްކޮށްފައި އޮތް ލިއުމެއްގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ޓްރަކުގައި ލިޔެފައިވަނީ "ހާސްނުވާށެ، ނިއުޔޯކު ދޫކޮށް ދިޔަނަމަވެސް ތީ އަބަދުވެސް ނިއުޔޯކުގެ ރައްޔިތެއް" މިހެންނެވެ. މި ޕޯސްޓާއެކު އޭނާ ވަނީ ހިތް ކުދި ކުދި ވެފައިވާ އިމޯޖީއެއް ލާފައެވެ.

އެޕޯސްޓާއެކު ސުހާނާގެ ބައެއް ރައްޓެހިން ވަނީ އެކަމާ ހިތާހަ ފާޅުކުރުމުން ކޮމެންޓު ކޮށްފައެވެ. އަނެއް ބަޔަކު ކާމިޔާބު މުސްތަގުބަލަކަށް ވެސް ވަނީ އެދިފައެވެ.

އުމުރުން 21 އަހަރުގެ ސުހާނާ މިހާތަނަށް ބޮލީވުޑް ފިލްމަކުން ފެނިފައި ނުވާއިރު އޭނާ އަންނަނީ ފިިލްމަކަށް ތައްޔާރިތައް ވަމުން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެއެވެ.

ބޮލީވުޑް ފިލްމަކުން ސުހާނާ ނުފެނުނު ނަމަވެސް އޭނާ ވަނީ މީގެ ކުރިން ކުރު ފިލްމަކުން ފެނިފައެވެ.