ސޯމާލިއާގެ ވެރިރަށް މޯގަދިޝޫގައި އދގެ ސަލާމަތީ ޖަމާއަތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފިއެވެ.

މި ޖަމާއަތަށް ދީފައި ވަނީ ކާރު ބޮމުގެ ހަމަލާއެކެވެ. މި ހަމަލާގައި އާންމުންގެ 8 މީހަކު މަރުވެ، 17 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އޮފިޝަލުން މައުލޫމާތުދެއެވެ.

ސްކޫލެއްގެ ކައިރިން ދަތުރު ކުރަމުން ދިޔަ ޖަމާއަތަކަށް އަމާކޮށް ދީފައިވާ މި ހަމަލާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަބްދިފާތާ ހަސަން ވިދާޅުވީ މި ހަމަލާގެ ސަބަބުން އަނިޔާވި މީހުންގެ ތެރޭގައި 13 ދަރިވަރުން ހިމެނޭ ކަމަށާ، ހަމަލާ ދީފައި ވަނީ އެސްޔޫވީއެއްގައި ބޮމެއް ހަރުކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ މި ހަމަލާއަކީ ސީދާ އދގެ ޖަމާއަތަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އދގެ އެއްވެސް އޮފިޝަލަކަށް އަނިޔާއެއް ލިބިފައި ވާކަން ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.

ހަމަލާގެ ޒިންމާ އަލް ޝަބާބް ޖަމާއަތުން ނަގާފައި ވާއިރު މި ޖަމާއަތަކީ ސޯމާލިއާގެ މަރުކަޒީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ޖަމާއަތެވެ. އަލް ޝަބާބުން ދަނީ އިސްލާމީ ޝަރީއަތުގެ ހަރުކަށި މާނައިގެ މައްޗަށް ބިނާކޮށް އެމީހުންނަށް ފެންނަ އުސޫލުތަކެއްގެ މައްޗަށް އަމަލުކުރަމުންނެެވެ.

ބޮން ގޮވި ވަގުތު އެތަނުގައި ތިބި މީހުންގެ އިތުރުން މަންޒަރު ދުށް މީހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޮން ގޮވި ވަގުތު އެ ސަރަހައްދުން އެވަގުތު ބަޑީގެ ހަމަލާތަކުގެ އަޑު ވެސް ވަނީ އިވިގެން ގޮސްފައެވެ.