ބ. ދަރަވަންދޫ އާއި އެ އަތޮޅު ކެންދޫ އަދި ސ. ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި 3 މަޝްރޫއު ހަވާލު ކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ގިރާ ސަރަހައްދުގައި 490 މީޓަރުގެ 7 ބްރޭކްވޯޓާ ހަދާ، 96 މީޓަރުގެ ރިވެޓްމަންޓް ޖަހެމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށުގެ އުތުރު ފަރާތު ގޮނޑު ދޮށް ވެލިން މުއްސަނދި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއަކީ 22 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

އެއްް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 39.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ކެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 803 މީޓަރުގެ ބްރޭކްވޯޓާ އާއި 90 މީޓަރުގެ ދެ ގްރޮއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 80 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމާއެކު 20 މީޓަރު ފުޅާ، 40 މީޓަރު ދިގު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 165 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި 11.6 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެ މަޝްރޫއުގައި ހިތަދޫގެ ހުޅަނގު ފަރާތުން 570 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމާއި 15 މީޓަރު ފުޅާ، 50 މީޓަރު ދިގު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށުގައި ވެސް 100 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާއެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.