ބޮލީވުޑް މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ އަކީ ކުރީގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޖޫހީ އާ އިންނަން ބޭނުންވާނެ އެތައް ބަޔަކު އޭރު ވެސް ތިއްބެއެވެ. އޭގެ ތެރެއިން އެކަކަކީ މިހާރު ފިލްމީ ދާއިރާ ދޫކޮށްލާފައިވާ އިމްރާން ހާންއެވެ.

ޖޫހީ ވަނީ 1988 ވަނަ އަހަރު ފިލްމީ ތަރި އާމިރު ހާނާއެކު "ގަޔާމަތު ސޭ ގަޔާމަތު ތަކް" ނަމަކަށް ކިޔާ ފިލްމެއް ކުޅެފައެވެ. އެފިލުމުގެ ޝޫޓިން ކުރިއަށް ގެންދިޔަ އިރު އިމްރާންގެ އުމުރަކީ ހަތަރު އަހަރެވެ.

އާމިރަށް ބޮޑުބެ ކިޔާ އިމްރާން، އޭރު ފިލްމު ސެޓަށް ދާއިރު އޭނާ ވަނީ ސެޓު ތެރެއިން ޖޫހީ ކައިރީ އިންނަން އަހާފައެވެ.

އޭގެ ޖަވާބަކަށް ޖޫހީ ވަނީ އޭނާ އަކީ އިމްރާންގެ ދައްތައެއް ކަމަށް ބުނެފައެވެ.

އިމްރާން އެންމެ ފަހުން ފެނިގެން ދިޔައީ 2015 ވަނަ އަހަރު ނެރުނު "ކައްޓީ ބައްޓީ" އިންނެވެ. ފިލްމީ ދާއިރާއިން އޭނާ ވަކިވި ސަބަބު ބުނެފައި ނުވާ އިރު ފިލްމީ ދާއިރާއިން އިމްރާން ދުރަށް ދިއުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ވެސް ހިތާމަ ފާޅުކޮށްފައެވެ.

ޖޫހީގެ ފިލްމެއް އެންމެ ފަހުން ފެނިގެން ދިޔައީ 2019 ވަނަ އަހަރުއެވެ. ފިލްމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޖޫހީ މީހަކާ ކައިވެނި ކުރީ 1995 ވަނަ އަހަރުއެވެ. އޭނާގެ ދެ ދަރިން އެބަތިބެއެވެ.