ރާއްޖޭގައި މަޝްހޫރު ލައިންސްމަން އަދި މިއުޒީޝަން އަހްމަދު ރިޒާ (ތަރަބޫޒު ރިޒާ) މިއަދު ނިޔާވެއްޖެއެވެ.

އޭނާގެ އާއިލާއިން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ރިޒާ ނިޔާވި އިރު އޭނާގެ އުމުރަކީ 67 އަހަރެވެ. އޭނާގެ ކަށު ނަމާދު މިރޭ އިޝާ ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައި އޮންނާނެއެވެ. އާއިލާއިން އެދެނީ ވިހާވެސް ގިނަ ބަޔަކު ރިޒާގެ ކަށު ނަމާދުގައި ބައިވެރި ވުމަށެވެ.

ރިޒާ އަކީ ކުޅިވަރުގެ މައިދާނުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ މީހެކެވެ. އެގޮތުން އޭނާ ވަނީ ފުޓްބޯޅައިގައި ވިދާލި މޫސާމަނިކު (ކުޑަމޫސަ) އާއި އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާ އެކު ނިއު ރޭޑިއަންޓުގެ ހޮކީ ޓީމަށް ކުޅެފައެވެ. އޭނާ އަކީ 1968، 1969 އަދި 1970 ގައި ހޮކީ ތަށި މިލްކުކުރި ރޭޑިއަންޓް ކްލަބުގެ ކުޅުންތެރިއެއް ވެސް މެއެވެ. މީގެ އިތުރުން ރިޒާ ފުޓްބޯޅަ މެޗެއްގައި ބައިކޮޅަށް ތިން ގޯލް ޖަހައި "ހެޓްރިކް" އެއް ހެދި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އަދި އޭނާ އަކީ ފުޓްބޯޅައިގެ ކުރީގެ މަޝްހޫރު ލައިސްމަނެއްވެސް މެއެވެ.

ހަމައެއާއެކު އޭނާ އަކީ މިއުޒިކް އުފެއްދުމާއި މިއުޒިކް ކުޅުމާއި ލަވަކިޔުމުގައި ވެސް ގިނަ ދުވަސްތަކެއްގައި ހިދުމަތް ކުރި މީހެކެވެ. އެގޮތުން އޭނާގެ އަމިއްލަ ގޭގައި މިއުޒިކް ސްޓޫޑިއޯއެއް ހަދައި އެތަނުގައި ލަވަ ރެކޯޑްކޮށް އަލްބަމް ނެރެފައި ވެއެވެ. އެ ސްޓޫޑިއޯ އަކީ އޭރު ވަރަށް ގިނަ މިއުޒީޝަނުންނާއި ލަވަކިޔުންތެރިން އުފެދިގެން އައި ސްޓޫޑިއޯއެކެވެ. މީގެ އިތުރުން ވެސް ޓީވީއެމްގެ ކުޑަކުޑިންގެ ލަވަ މުބާރާތާއި އަތޮޅު ލަވަމުބާރާތުގައި ކުދިންނަށް ލަވަ ދަސްކޮދިނުމުގައި ވެސް ރިޒާ ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ލަވަ ކިޔާ ކުދިންނަށް ޓްރެކް ހަދައި ދިނުމުގައި ވެސް ރިޒާގެ ދައުރު ފާހަގަ ކޮށްލެވެއެވެ.