ކަނޑު މަގުން ރާއްޖެ އެތެރެކޮށް ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށް ވާ، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، އަލުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ފެންނަ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ނިންމައިފިއެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއަކުން ދިރާސާކޮށް މިއަދު ވަނީ ކޮމިޓީގެ ރިޕޯޓް އެކުލަވާލާފައެވެ. އެ ރިޕޯޓުގައި ނިންމީ އެއީ އަލުން މުރާޖައާކޮށް ދައުވާ ނުކޮށް ދޫކޮށްލާވަރުގެ މައްސަލައެއް ނޫން ކަަމަށާއި އަލުން ދައުވާ ކުރަން ޕީޖީއަށް ދެންނެވުމަށެވެ.

އެ ރިޕޯޓުގައި ވަނީ އެ މައްސަލަ ޕީޖީން އަލުން މުރާޖައާ ކުރަން ފެންނަ ކަމަށާއި ތަހުގީގުގައި ނުވަތަ ޝަރީއަތަށް އަލުން ހުށަހެޅުމަށް ފުރިހަމަ ކުރަން އޮތް ކަމެއް ފުރިހަމަ ކުރަން އަދި އަލުން ދައުވާކޮށް ކޯޓަށް ހުށަހެޅުމާ މެދު ގޮތެއް ކަނޑައެޅުމަށް ފެންނަ ކަމަށެވެ. މީގެ އިތުރުން މިގޮތަށް ކޯޓުން ބޭރުކޮށްލާފައިވާ އެހެން މައްސަލަތަކުގެ ތެރެއިން އަލުން ކޯޓަށް ހުށައަޅާފައި ނުވާ މައްސަލަތައް ވެސް އަލުން މުރާޖައާ ކޮށް އަލުން ދައުވާ ކުރުމާ މެދު ގޮތް ނިންމުމަށް ފެންނަ ކަމަށް ރިޕޯޓުގައި ވެއެވެ.

މިމައްސަލައިގައި އޭރު ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ ގއ. ކޮނޑޭ ގަހާކޯޅި، އަހުމަދު އަނީލް (34)، ގއ. ނިލަންދޫ ދިހްޝާންވިލާ އަލީ ޝާކިރު (30)، ގދ. ގައްދޫ އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ ރޮމޭންސް ޝަފީޒް މުހައްމަދު (35)، އަދި ގދ. ގައްދޫ އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

ކަނޑުމަގުން އެތެރެކޮށްފައި ވާ ކަމަށް ބެލެވޭ 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުން ބަންދު ކުރުމުގެ އަމުރެއް ފުލުހުން ހޯދާފައި ވަނީ އެހާދިސާ ހިނގިތާ 24 ގަޑިއިރު ފަހުން އަނެއް ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހަމައެއާއެކު ކޯޓު އަމުރަކާ ނުލައި ދެ ގެއެއް ބަލައި ފާސް ކުރުމާއި މީހުން ހައްޔަރު ނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ގެންގުޅެފައި ވެއެވެ. ހައްޔަރުނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ދެ މީހަކު 25 ގަޑިއިރު ބެހެއްޓި އިރު އެހެން ދެ މީހަކު 19 ގަޑިއިރު ބެހެއްޓިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މައްސަލަ ކޯޓުން ބަލައި ނުގަތް ދެ ކަމެއް ފާހަގަ ވެއެވެ. ފުރަތަމަ ކަމަކީ، ދައުވާ ލިބޭ ދެ ފަރާތުން ދީފައިވާ ބަޔާނުގައި ދިފާއީ ވަކީލުން ސޮއިކޮށްފައި ނެތުމެވެ. ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓަށް ބެލުމުގެ އިހްތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމެވެ.

ކަނޑުމަގުން އެތެރެކޮށްފައި ވާ ކަމަށް ބެލެވޭ 149 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މިތަކެތި ހޯދާފައި ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަނާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑްގެ އިތުރުން ޑްރަގް އިންޓޭލިޖެންސް ޔުނިޓް ގުޅިގެން ހިންގި 3 ދުވަހުގެ އޮޕަރޭޝަނެއްގައެވެ. އެ ތިން ދުވަހު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތައް ބަލާފައިި ވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.