ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކުން ނިމިފައި ހުރި އެއް ކޮޓަރީގެ އެޕާޓްމަންޓްތައް، އަލަތު ކައިވެނީގެ ކެޓަގަރީއަށް ހޮވިފައިވާ ފަރާތްތަކަށް ދޫކުރެވިދާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ހިޔާ މަޝްރޫގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސަރުކާރު ބައެއް ކުންފުނިތަކާއި މުވައްސަސާތަކަށް ހަވާލުކޮށްގެން އަޅަމުންދާ ފްލެޓުތަކާ ގުޅޭގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، އެއް ކޮޓަރީގެ އެޕާޓްމަންޓަކީ މި ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ ކަމެއް ނޫން ކަމަށާއި ނަމަވެސް މިދިޔަ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓް ދޭން ނިންމާފައި އޮތުމުން އެކަމަށް ހައްލެއް ހޯދަމުން ދާ ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން، ސަރުކާރު ކުންފުނިތަކާއި މުއައްސަސާތަކަށް ހަވާލުކޮށްފައި ހުރި ތަންތަނުގެ ތެރެއިން މިހާރު ނިމިފައި ހުރި ފްލެޓުތަކުން އެއް ކޮޓަރީގެ އެޕާޓުމަންޓުތައް ހިޔާ މަޝްރޫއުގެ ދަށުން އަލަތު ކައިވެނީގެ ކެޓަގަރީ އަށް ދޫކުރެވިދާނެ ކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުން ފްލެޓް އަޅަން ދީފައި ވަނީ ހަމައެކަނި ކުންފުނިތަކަށް ނޫން ކަމަށެވެ. އޭގެތެރޭގައި ކަސްޓަމްސް އާއި އެމްއެންޔޫފަދަ މުއައްސަސާތައްވެސް އެބަހުރި ކަމަށެވެ. ފްލެޓް އެޅުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމަނީ އޭރު ފްލެޓް އަޅަން ދިން ތަންތަނުގެ ތެރެއިން މިހާރު މަސައްކަތް ފަށާފައިވާ ތަންތަނުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މަސައްކަތް ނުފަށާ ހުރި ތަންތަނުގެ މަސައްކަތް ކުރިއަށް ގެންދިއުމާ މެދު ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫގެ ދަށުން އެއް ކޮޓަރީގެ ކެޓަގަރީގެ ފްލެޓްތަކާ ގުޅެ ގޮތުން މި ދިޔަ ފެބްރުއަރީ މަހު މި ސަރުކާރުން ބުނެފައި ވަނީ އެ ކެޓަގަރީއަށް ދެވޭ ވަރަށް ފްލެޓް ނެތް ކަމަށާއި އެހެންކަމުން އެއްކޮޓަރީގެ ފްލެޓް ދިނުމަށް ހަމަޖައްސާފައިވާ ތިން ކެޓަގަރީއެއް އުވާލަން ނިންމާފައިވާ ކަމަށެވެ.

އޭރު އުވާލަން ނިންމި ކެޓަގަރީތަކަކީ:

  • H11- އަށާރަ އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ (1 ކޮޓަރި)
  • H13- މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ (1 ކޮޓަރި)
  • H15- އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ (1 ކޮަޓަރި)

1 ކޮޓަރީގެ ކެޓަގަރީތަކަށް ފްލެޓް ދޫކުރުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން 1 ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށް ފަހުގައި ކަމަށް އޭރު ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން ސަރުކާރުން ގަތުމަށް ލިބެން ހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް 2 ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނިތަކުން ހޯދި އިރު، ސަރުކާރަށް ގަންނަން ލިބެން ހުރީ ހަމައެކަނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓް ކޮށްފައިވާ 36 ފްލެޓް ކަމަށް ވެސް އޭރު ބުނެފައި ވެއެވެ.