މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ތުހުމަތުތަކުގައި ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އަނެއްކާވެސް ސަރުކާރަށް ގޮން ޖައްސަވައިފިއެވެ.
އިއްޔެ ފުލުސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވާ އަލީ ވިދާޅުވީ، އޭނާ ރާއްޖެ ގެނެވޭނެ ކަމަށާއި ސައްހަ ތަހުގީގާއި ސައްހަ ދައުވާ ކުރުމުން ކޮންމެ ގައުމަކުންވެސް އެ މައްސަލައެއް ބަލާނެ ވެސް ކަމަށެވެ.
ނަމަވެސް ފްރޭމްކޮށް، ކުރެވޭ ތުހުމަތެއް ނުވަތަ ކުރެއްވި ކުށެއް ޕީޖީއަށް ކޯޓުގައި ބުނެނުދެވެންޏާ، ދުނިޔޭގެ ސިސްޓަމް ތަކުގައި ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށާއި އޭނާ އެކަމުގައި އިންސާފު ހޯއްދަވާނެ ކަމަށެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަ ކުރުމުގެ ދައުވާތަކަށް ނިޒާމުގެ ތެރެއިން ޖަވާބުދާރީވާން ތައްޔާރު ކަމަށެވެ.
އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި ސީޕީ ވިދާޅުވީ އަލީ ރާއްޖެ ގެނައުމަށްޓަކައި ފުލުހުން ކުރާ މަސައްކަތް "އެކްޓިވޭޓް" ކުރެވޭނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރުމުން ކަމަށެވެ. އަދި ރެޑް ނޯޓިސް ނެރެން ބަލާއިރު، އެކި ގައުމުތަކުގައި ހުންނަ ގާނޫނީ އިޖުރާއަތުތައް ތަފާތު ކަމަށާއި ރެޑް ނޯޓިސް ނެރެން އަމަލުކުރަން ޖެހޭ ގޮތްވެސް ތަފާތު ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މީގެ ކުރިންވެސް އޭނާ ވާހަކަ ދައްކަވާފައިވެއެވެ. އިނގިރޭސިވިލާތުގައި ހުންނަވައި އޮންލައިން ކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީއަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން މި ރާއްޖޭގައި މިވަގުތު ޝަރުއީ ނިޒާމެއް ނެތް ކަމަށާއި މި ވަގުތު ރާއްޖޭގައި އޮތީ "ޝަމީމީ" ނިޒާމެއް ކަމަށް އޭނާ ވިދާޅުވެއެވެ. އަދި މި ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށާއި އިންސާފް ހޯދުމަކީ މި ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށް އަލީ ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.
މިވަރުގެ ހަޔާތްކުޑަ މީހެއް ދުވަހަކުވެސް ނުދެކެމެވެ. ކަލޭ ބެހުނު އަދި ބެހެން އުޅުނު އެންމެނަށްވެސް އިންސާފު ހޯދާދެވޭނެއެވެ. ތިހެން ފިލާ އަބަދަކު ނުހުރެވޭނެއެވެ.