ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ނައިބު ރަައީސް ފައިސަލް ނަސީމް މާދަމާ ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ބަންގްލަދޭޝައަށް ފައިސަލް ނަސީމް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުން ރައީސް އޮފީހުން ބުނީ، އެއީ 3 ދުވަހުގެ ދަތުރުފުޅެއް ކަމަށާއި އަދި އެމަނިކުފާނު އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

ފައިސަލް އަށް ޑާކާ އިން މަރުހަބާ ވިދާޅުވާނީ ބަންގްލަދޭޝްގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ އޭކޭ އަބްދުލް މޮމެން އެވެ. އަދި ޑރ. އޭކޭ ފައިސަލްއަށް ރޭގަނޑުގެ ހާއްސަ ފަރީއްކޮޅެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ފައިސަލް ނަސީމް، ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދާ ބައްދަލު ކުރެއްވުމަސް ވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ބަންގްލަދޭޝްގެ މިނިސްޓާ އޮފް އެކްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓް އިމްރާން އަހްމަދާއި ބަންގްލަދޭޝްގެ މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ ދީޕޫ މޯނީއާ ވެސް ބައްދަލު ކުރެއވްުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ޔުނިވާސިޓީ އޮފް އޭޝިޔާ ޕެސިފިކްގެ އެކްޓިން ވައިސް ޗާންސެލާ ޑރ އެމްޑީ ސުލާތާން މަހްމޫދާއި، ސައުތް އީސްޓް އޭޝިޔަން ފައުންޑޭޝަން (އެސްއީއޭސީއޯ) ގެ ޗެއާމަން ސަލާހުއްދީން ގާސިމް ހާނާއި، ކުމުޑިނީ ވެލްފެއާ ޓްރަސްޓްގެ މެނޭޖިން ޑިރެކްޓަރު ރަޖީވް ޕްރަސާދް ޝާހާއި، ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ބަންގްލަދޭޝްގައި ތައުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުން ވެސް ހިމެނެއެވެ.

މި ދަތުރުގައި ބަންގަބަންދު މިޔުޒިޔަމް އަށް ފައިސަލް ނަސީމް ޒިޔާރަތް ކުރައްވާނެއެވެ. އަދި އެމަނިކުފާނު ބަންގްލަދޭޝް-ކޮރެޔާ ޓެކްނިކަލް ޓްރެއިނިން ސެންޓަރަށް ވެސް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.