ސްކޮޓްލޭންޑުގެ ގްލަސްގޯގައި ކުރިޔަށް ދިޔަ 2021 ގެ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންވަން ފުރާވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގަންނަވާނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ރައީސް ނަޝީދު ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލޭންޑަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. އެ ދަތުރުފުޅުގައި މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކާއި ބައްދަލުވުންތަކުގައި ރައީސް ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ރާއްޖެ ވަޑައިގަންވާ އިރު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަނީ 23 ދުވަހު އެ ގައުމުގައި ހޭދަ ކުރެއްވުމަށް ފަހު ގައެވެ.

މިއަދު ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގަންނަވާ އިރު، އެމަނިކުފާނު ހުންނެވުމަށް ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ މަސައްކަތް ނިންމާލާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރިން ބުނެއެވެ. ނަމަވެސް އަދި އެ ގެ މަޖިލީހުގެ އިދާރާއާ ރަސްމީކޮށް ހަވާލުކޮށްފައި ނުވާ ކަމަށް މަޖިލީހުން ބުނެއެވެ.

މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ޖަރުމަނުގައި ހުންނަވައި ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށް ފަހު ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގަތީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ރާއްޖެ ވަޑައިގެންނެވުމަށް ފަހު ރައީސް ނަޝީދު ހުންނެވީ ހޮޓެލް ޖެންގައެވެ. އެތަނުގައި އެމަނިކުފާނު ހުންނެވުމަށް ހަރަދު ކޮށްފައި ވަނީ ސަރުކާރުންނެވެ.