މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އެންމެ މުހިންމު އަސާސަކީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް ދިވެހިންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއާރްއެމްގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީ އުފެދިގެން އައީ ގައުމީ މުހިންމު އިސްލާހީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށެވެ. އެހެން ކަމުން ޕާޓީން މަސައްކަތް ކުރާނީ ގައުމަށް މަންފާކުރާ، ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަމެއް ދީގެން ކަމަށް ޕާޓިން ވަނީ ބުނެފައެވެ.

"ޕާޓީގެ އެންމެ މުހިންމު އަސާސަކީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުން"
އެމްއާރްއެމުން

އެމްއާރުއެމުން އިތުރަށް ބުނީ، މި މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިސްލާހަށް ކުރެވޭ މަސައްކަތް ކަމަށް ކަމަށެވެ. އެގޮތުން ދައުލަތް ހިންގުމުގެ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން ގާނޫނީ ހުކޫމަތު ދެމެހެއްޓުމާއި އަދުލު އިންސާފު ކަށަވަރުކުރުމާއި ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދޮށީއުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ޕާޓީގެ އަސާސްތަކުގެ ގޮތުގައި އެޕާޓީން ފާހަގަކޮށްފައިވެއެވެ.