ދިވެހި ބަހުން ލިޔެގެން ނަސޯރާ ދީން ފެތުރުމަށް މަސައްކަތް ކުރާ ފޭސްބުކް ޕޭޖެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

"މާކް އެންޑް ކާޓްނީ" ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖެއްގައި ވަނީ "އީސާ އަލް މަސީހް" ބޮޑު އަކުރުން ޖަހާފައިވާ ޕޯސްޓަރަކާއެކު ނަސޯރާ ދީން އިސްތިހާރު ކޮށްފައެވެ. ކެޕްޝަންގައި ދުނިޔެ އުފެދުނު ގޮތާ ބެހޭ ގޮތުން ކުރު ދެތިން ޖުމްލައެއް ޖަހާފައި ވާ އިރު މިއީ ނަސީރާ ދީން ޕްރޮމޯޓް ކުރުމަށް ހިންގާ ކެމްޕޭނެއް ކަމަށް ބެލެވެއެވެ. އަދި މިޕޯސްޓް ވަނީ ގިނަ ބަޔަކާ ހަމައަށް ފޯރާނެ ގޮތަށް ބޫސްޓް ކޮށްފައި ކަން ވެސް ފާހަގަ ކުރެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ ޕޯސްޓް ދައުރުވަމުންދާ ކަން ފުލުހުންގެ ހިދުމަތުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި ކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ރާއްޖެއަށް ގެނައުމާއި އެ ފަދަ ފޮތްތައް އިޝްތިހާރު ކުުރުމާއި ދިވެހިންނަށް ދެއްކުމާއި އެފަދަ ފޮތްތަކުގެ މައުރަޒުތައް ބޭއްވުމާއި ވިއްކުމާއި ދިނުމާއި އާންމުކޮށް ފެންނާނެހެން ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދަށުން އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތައް ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަ ފޮތް، މަޖައްލާ އާއި ނޫސްފަދަ ތަަކެއްޗާއި ވާހަކައާއި މަންޒަރު އަޅާފައި ހުންނަ ފިލްމު ޓޭޕާއި ޑިސްކެޓް ފަދަ ތަކެތި ހިމެނެއެވެ. އަދި އިސްލާމްދީނަށް އިހާނެތިކޮށް ހިތޭ ފަދަ ތަކެތި ގެނައުމާއި އުފެއްދުމާއި ގެންގުޅުމާއި ވިއްކުމާއި ފެތުރުމަކީ ވެސް މަނާ ކަންތައްތަކެވެ.

ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތައް ފެންމަތިވެގެން އަންނަ އިރު އޮންލައިން ޕްލެޓް ފޯމްތަކުގެ އިތުރުން ކަސްޓަމްސް ނުވަތަ ޕޯސްޓް މެދުވެރިކޮށް ވެސް މިފަދަ ލިޔުންތައް އެތެރެ ކުރަން މަސައްކަތް ކޮށްފައި އެބަ ހުއްޓެވެ. އެގޮތުން މި އަހަރު ޖުލައި މަހުގެ ތެރޭގައި ވެސް ދިވެހި ބަހުން ލިޔެފައިވާ ނަސޯރާ ދީނުގެ ލިޔުންތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ ހިފަހައްޓާފައެވެ.