ޑްރަގް ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ގެ ބަލައި ފާސްކޮށް އެ ގެއިން ނެގި ތަކެތީގެ ލިސްޓެއް ފުލުހުން އެ މީހާއަށް ދީފައި ނުވާތީ އެމީހާ ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ ގއ. ދާންދޫ، މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދު، ޑްރަގް ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ މަގުމަތިން ހުއްޓުވައި ސައިކަލު ފާސްކުރުމުގެ ތެރޭގައި ޑްރަގް ފެނުމުންނާއި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައި ފާސްކުރި އިރު އެ ގެއިން ވެސް ޑްރަގް ފެނުމުންނެވެ. މި މައްސަަލައިގައި އޭނާގެ މައްޗަށް ވަނީ ޑައިމޯފިން ޓްރެފިކިންގެ ދައުވާކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުމުގެ މަރުހަލާގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އިބްރާހިމް މުހައްމަދު ވަނީ އޭނާގެ ސައިކަލާއި ގެ ބަލައި ފާސްކުރި އިރު ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީއެއް ނުވަތަ ލިސްޓެއް އޭނާއަށް ހަވާލު ނުކުރާ ކަމަށް ބުނެފައެވެ. އެހެންކަމުން މިކަން ސާފުކުރުމަށް ކޯޓުން ވަނީ ޕީޖީގައި އެދިފައެވެ. ޖަވާބުގައި ޕީޖީން އެ ކޯޓަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެފަދަ ލިސްޓެއް ފުލުހުން އެކުލަވާލާފައި ނުވާ ކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި ވަނީ މި ދިޔަ އަންގާރަ ދުވަހު ހުކުމް ކޮށްފައެވެ. އެ ހުކުމްގައި މި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވަނީ ކޯޓު އަމުރުގެ ދަށުން ތަންތަން ބަލައި ފާސް ކުރާ އިރު އެތަންތަނުން ނެގޭ ތަކެތީގެ އިންވެންޓްރީއެއް، އެ ތަކެތީގެ ވެރިފަރާތް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތެއްގެ ހާޒިރުގައި އެކުލަވާލަން ވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނާނެ ކަމަށެވެ. އަދި އެ މީހާއަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތަކަށް އެ އިންވެންޓްރީގެ ކޮޕީއެއް ދޭން އެ ގާނޫނުގައި ބަޔާން ކުރާ ކަމަށް ވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި އެފަދަ އިންވެންޓްރީއެއް އެކުލަވާލައި ދައުވާ ލިބޭ ފަރާތަށް ދީފައި ނުވާތީ އެއީ އިޖުރާއަތާ ހިލާފަށް ކުރި ކަމެއް ކަަމަށް ހުކުމް ކުރިއެވެ. އެ ހުކުމުގައި ވަނީ ބަލައި ފާސްކުރުމުގައި އަމަލުކުރަން ގާނޫނަކުން ލާޒިމުކޮށްފައިވާ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލައިފި ނަމަ ބަލައި ފާސްކުރުން ސައްހަ ނުވާނެ ކަމަށެވެ. އޭގެ އިތުރުން އެކަން ނުކޮށްފި ނަމަ ތުހުމަތުވާ ފަރާތުގެ ހައްގުތައް ގެއްލޭނެ ކަމަށާއި އެއީ އިންސާފުވެރި ހުކުމަކަށް ވާސިލުވުމަށް ހުރަހަކަށް ވާނެ ކަމަށެވެ.

އޭނާގެ ގެއިން ވަނީ ގާތްގަނޑަކަށް 135 ގްރާމުގެ ޑްރަގް ފެނިފައެވެ. އަދި ޑްރަގް ޕެކްކުރަން ބޭނުން ކުރާ ރަބަރު ޕެކެޓުތަކާއި ކިރަން ބޭނުންކުރާ ކައްޓާ ފަދަ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

އިބްރާހިމް މުހައްމަދުގެ މައްޗަށް ކުރި ދައުވާ ސާބިތުވި ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު 100،000 ރުފިޔާ އާއި 10،000،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމަނާ ވެސް ކުރާނެއެވެ.