ކޮންމެ އަހަރަކު ހަމަހަށް ވުރެ މުއްދަތު އިތުރުނުވާނެ ގޮތުގެ މަތިން ފަހަރަކު އެއް މަސްދުވަހާއި ތިން މަސްދުވަހުގެ މުއްދަތަކަށް ބިޒްނަސް ވިސާ ދޫކުރާ ގޮތަށް، ވިސާއާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

ބިޒްނަސް ވިސާގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ވިސާއަށް އެދޭ ފަރާތްތަކުން ހުރިހާ ލިޔެކިއުންތަކެއް ހުށަހަޅަން ޖެހޭނީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.

އެގޮތުން ރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި އިންޝުއަރެންސްގެ ހިދުމަތްދޭ ފަރާތަކުން ދޫކޮށްފައިވާ ހެލްތް އެންޑް ޓްރެވަލް އިންޝުއަރެންސް ޕޮލިސީގެ ކޮޕީއަކާއި، ރާއްޖެ އައުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޑިކްލަރޭޝަނެއް ފުރިހަމަކޮށް ހުށަހަޅަން ޖެހެއެވެ.

އެ އިސްލާހުގައި ބުނެފައި ވާގޮތުން، ވިސާގެ މުއްދަތު އިތުރުކޮށްދޭނީ، މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ ސަބަބަށް ރިއާޔަތް ކުރުމަށް ފަހު، ވިޒާ އިތުރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި ކަމަށެވެ.

ނަމަވެސް ބިޒްނަސް ވިސާގެ ހުއްދަ ދޫކުރާތާ ތިން މަސްދުވަހުގެ ތެރޭ އެ ހުއްދައިގެ ދަށުން ރާއްޖެއަށް އެތެރެވެފައި ނުވެއްޖެނަމަ ބިޒްނަސް ވިސާ ބާތިލު ކުރެވޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.