ދުނިޔޭގެ އެންމެ ބޮޑަށް ވައި ނުސާފުވެ، ތަޣައްޔަރު ވެފައިވާ ތަނަކީ ޕާކިސްތާނުގެ ލާހޯރު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ވައިގެ ފެންވަރު ދިރާސާކުރާ އަދި އެއާ ވިޝުއަލް މޮނިޓަރިން ޕްލެޓްފޯމް އޮޕަރޭޓް ކުރާ ސްވިޒަލޭންޑްގެ ޓެކްނޮލޮޖީ ކުންފުނި އައިކިއުއެއާ އިން ބުނެފައި ވަނީ ޕާކިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ރަށް ލާހޫރުގައި ބުދަ ދުވަހު ވައިގެ ކޮލިޓީ ރޭންކިން ހުރީ ވައިގެ ތަޣައްޔަރުކަން އެންމެ ނުރައްކާތެރި މިންވަރުގައި ކަމަށެވެ.

ވައިގެ ކޮލިޓީ ރޭންކިން 300 އަށް ވުރެ މަތިވެއްޖެނަމަ އެއީ އެންމެ ނުރައްކާތެރި މިންވަރު ކަމަށް ބަލާއިރު ބުދަ ދުވަހު އެ ރަށުގައި އެ އަދަދު ހުރީ 348 ގައެވެ. ވައި ތަޣައްޔަރު ވުމުގެ މައްސަލައަކީ ލާހޫރުގެ ރައްޔިތުން ނުހަނު ކަންބޮޑުވުން ފާޅުކުރާ މައްސަލައަކަށް ވާއިރު މިކަމާ ގުޅިގެން އެ ރަށުގެ ކުޑަކުދިން ބޭރަށްވެސް ނުނެރޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކުޑަކުދިންގެ އިތުރުން އެރަށުގައި ދިރިއުޅެމުންދާ ކުދިބޮޑު އެންމެނަށް ވެސް އަންނަނީ މިކަމުގެ ސަބަބުން އެތައް މައްސަލެއް ދިމާވަމުންނެވެ. އެގޮތުން ސިއްހީ ގޮތުން ވެސް އެތައް މައްސަލައެއް ކުރިމަތިވަމުން ދާއިރު ނޭވާލާން އުނދަގޫވާ ކަމުގެ ޝަކުވާވެސް ލާހޫރުގެ ގިނަ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

11 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ލާހޫރުގައި ވައި ތަޣައްޔަރުވެ، ހާލަތު ގޯސްވެފައިވާއިރު މި މައްސަލައަކީ މުޅި ޕާކިސްތާނަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ވައި ތަޣައްޔަރުވުމުގެ މައްސަލަ އެގައުމުގައި ގޯސްވެގެން ގޮސްފައިވަނީ ފިނި މޫސުމުގައި ވައި ތެއްވެފައިވަނިކޮށް ދަނޑުބިންތައް އެންދުމާއި، ފެންވަރުދަށް، އަގުހެޔޮ ހެވީ ފިއުލް އެންދުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.