ގިނަ ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ހެރީ ޕޮޓާ ފިލްމް ފްރެންޒައިޒްއަށް 20 އަހަރު ފުރުމުގެ ގޮތުން މިފިލްމްތަކުގައި ފެނިގެން ދިޔަ ތަރިންގެ ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

"ހެރީ ޕޮޓާ ޓުވެންޓިއަތް އެނިވާސަރީ: ރިޓާން ޓު ހޮގްވަޓްސް" ގެ ނަން ދީފައިވާ މިއިވެންޓް ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެޗް.ބީ.އޯ މެކްސްއިން ދެއްކުމަށް ވަނީ ހަމަޖެހިިފައެވެ.

އިނގިރޭސި ލިޔުންތެރިޔާ ޖޭ.ކޭ ރޯލިންގްގެ ވާހަކަ ސީރީސްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މިފިލްމުތަކުގެ ލީޑު ރޯލުތަކުން ފެނިގެން ދިޔަ ޑެނިއަލް ރެޑްކްލިފް، އެމާ ވޮޓްސަން އަދި ރުޕާޓް ގްރިންޓް މި ހާއްސަ އިވެންޓްގައި ބައިވެރިވާނެއެވެ. މީގެ އިތުރުން ވެސް ފިލްމުތަކުގައި އެހެން ރޯލުތަކުން ފެނިގެން ދިޔަ ތަރިން ވެސް މި ހާއްސަ އިވެންޓްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެން ނަމަވެސް ވާހަކައިގެ ލިޔުންތެރިޔާ ރޯލިންގް މިއިވެންޓްގައި ބައިވެރިވާނެ ކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހެރީ ޕޮޓާ ސިރީޒްގައި 7 ފޮތް ހިމެނުނު ނަމަވެސް ފިލްމް ފްރެންޗައިޒްގައި 8 ފިލްމް ހިމެނެއެވެ. މި ހުރިހާ ފިލްމަކުން 7.73 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު މިއީ މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމް ފްރެންޗައިޒްގެ ތެރެއިން އެއް ފްރެންޗައިޒެވެ.