ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް ކޮށްފައިވާ ނޭދެވޭ އަސަރުން ސަލަމަތް ވުމަށް އިކޮނޮމިކް ރެސްޕޯންސް ޕެކޭޖްތަކުގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ދީފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން ދީފައިވާ އެހީގެ ތަފްސީލްތަކަށް ބަލާއިރު އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ބީއެމްއެލް މެދުވެރިކޮށް ދޫކޮށްފައިވާ ކޮވިޑް ރިކަވަރީ ލޯންގެ ދަށުންނެވެ. އެ ގޮތުން މި އަހަރު ޖުލައި މަހުގެ ނިޔަލަށް ވަނީ 709.2 މިލިއަން ރުފިޔާގެ ލޯން ދީފައެވެ.

އެހީގެ ގޮތުގައި އީއައިބީ ރިކަވަރީ ލޯން ސްކީމްގެ ދަށުން ވަނީ 354.2 މިލިއަން ރުފިޔާ ދީފައެވެ. ހަމައެއާއެކު އެސްޑީއެފްސީ މެދުވެރިކޮށް ރިކަވަރީ ލޯންގެ ގޮތުގައި ވަނީ 363.9 މިލިއަން ރުފިޔާ ދީފައެވެ.

ކޮވިޑްގެ ހާލަތުގައި އާންމްު ފަރުދުންނާއި ވިޔަފާރިތަަކަށް ލުއި ދިނުމުގެ ގޮތުން ވަނީ ކަރަންޓް ބިލްތަކާއި ފެން ބިލް ތަކުން ވެސް ލުއިތަކެއް ދީފައެވެ. އެ ގޮތުން މިދިޔަ އަހަރު ފެން ބިލުން 25.9 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައި ވާއިރު މިއަރު ވަނީ ފެން ބިލުން 14.7 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ. ކަރަންޓު ބިލްތަކުން މިދިޔަ އަހަރު 146.8 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާއިރު މިއަހަރު ވަނީ ކަރަންޓު ބިލުން 51.2 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ. މި އަދަދުތަކަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކަރަންޓާއި ފެނަށް ދީފައިވާ ޑިސްކައުންޓެވެ.

މީގެ އިތުރުން އިންކަމް އެލަވަންސްގެ ގޮތުގައި 421 މިލިއަން ރުފިޔާ ދީފައި ވެއެވެ. އެއާއެކު ކޮވިޑްގައި އަމިއްލަ ފަރުދުންނާއި ވިޔަފާރުތަކަށް އެހީ ގޮތުގައި ޖުމްލަކޮށް ހޭދަ ކޮށްފައި ވަނީ 2،086،833،827 ރުފިޔާއެވެ.