ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި މާބަނޑު މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، ބްރިޖް މަތިން އެއާޕޯޓަށް ދެވޭ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓް ކައިރިން، މާލެއާ ވީ ކޮޅަށް ދުއްވާފައި އައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން މިއަދު މެންދުރު 12:10 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާގެ އެ ސައިކަލުގެ ފަހަތުގައި އިނީ އުމުރުން 18 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވީ ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް ކަމަށާއި އޭނާ މިހާރު ވަނީ އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ފުލުހުން ބުނީ، ދެމީހުން ތިބި ސައިކަލުގެ ކުރީ ފުރޮޅު ފަޅައިގެން ދިއުމުން ކަމަށް ބެލެވޭ ކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ، އަނިޔާވެގެން އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ގެނައި އަންހެން މީހާ އަކީ މާބަނޑު މީހެއް ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އައިޖީއެމްއެޗުން ހާމައެއް ނުކުރެއެވެ.

މި އެކްސިޑެންޓުގައި ޖެހުނު އަނެއް ސައިކަލު ދުއްވަން އިން މީހާއަކީ ލައިސަންސް އޮތް މީހެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުނެއެވެ.