ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ވެރިންގެ ދެމެދުގައި ބާއްވާ ވާޗުއަލް ބައްދަލުވުން ފަށައިގެން ކުރިއަށް އެބަދެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާ ދެމެދު ބާއްވާ މިބައްދަލުކުރެއްވުމަކީ މިދެބޭފުޅުންގެ ދެމެދު މިގޮތަށް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.
ބައްދަލުކުރެއްވުން ފަށައިގެން އައި އިރު ދެ ބޭފުޅުން ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް މަރުހަބާ ވިދާޅުވެފައިވާ އިރު ޝީ ވިދާޅުވީ ބައިޑަންއަކީ އޭނާގެ ދުވަސްވީ ރަހްމަތްތެރިއެއް ކަމަށެވެ.
ޝީ ވިދާޅުވީ، އެމެރިކާއާއި ޗައިނާ އާ ދެމެދު އޮންނަ މުވާސަލަތީ ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށާ، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މިދެގައުމުގެ ގުޅުންތައް މުހިންމު ކަމަށެވެ.
ރައްދުގައި އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވީ، މީގެ ކުރިން ވެސް ދެބޭފުޅުންވެސް ވާހަކަތައް ދައްކަވާފައި ވަނީ މާނަ ނޯޅޭ ގޮތަށް ވަރަށް ސާފު ސީދާކޮށް ކަމަށާ، ދެބޭފުޅުންގެ ދެމެދު ވާހަކަތައް ނިމޭ އިރު މަޝްވަރާތަކުގެ މަގްސަދު އެއްވެސް ބޭފުޅަކަށް އޮޅިވަޑައިނުގަންނަވާ ގޮތަށް ކަމަށެވެ.
ބައިޑަން އިތުރަށް ވިދާޅުވީ، ޗައިނާއާއި އެމެރިކާއާ ދެމެދު އޮންނަ ވާދަވެރިކަން ކުރިމަތިލުންތަކަކަށް ބަދަލުވިޔަ ނުދިނުމަށް ދެގައުމުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
އެމެރިކާއާއި ޗައިނާގެ ރައީސުންގެ ދެމެދު ބާއްވާ ބައްދަލުކުރެއްވުމުގެ އެޖެންޑާގައި ޓައިވާންގެ މައްސަލަ އޮތް އިރު ވިޔަފާރިއާއި ސައިބާ ސެކިއުރިޓީ އަދި ނިއުކްލިޔާ ހަތިޔާރާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާތައް ކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދެބޭފުޅުންގެ ދެމެދު ބާއްވާ ބައްދަލުކުރެއްވުން އެތަށް ގަޑިއިރަކަށް ދެމިގެންދާނެ ކަމަށް ބީބީސިން ރިޕޯޓް ކުރެއެވެ.