މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓުގެ ލޯބިވެރިޔާއަށް ވެސް ކޮންސަލްޓަންޓެއްގެ ވަޒީފާ ދީގެން އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު މާގިރި ހޮޓަލުގައި އެމްއޭސީއެލްގެ ހަރަދުގައި ގެންގުޅުނު ކަމަށް މެންބަރެއް ތުހުމަތު ކުރައްވައިފިއެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އައްޔަން ކުރި އެންޑްރޫ މަގާމުން ވަކިކުރީ، އެމްއޭސީއެލްގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ގެނެވޭ ބަދަލެއްގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ. އަދި އޭނާ މަގާމުން ވަކިކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސައީދު ވިދާޅުވީ، އެންޑްރޫއަށް ވެސް މުސާރައިގެ ގޮތުގައި މަހަކު 500،000 ރުފިޔާ އެމްއޭސީއެލުން ދިން ކަމަށެވެ. އަދި އޭނާގެ ލޯބިވެރިޔާއަށް ކޮންސަލްޓަންޓެއްގެ ވަޒީފާ ދީގެން އަހަރަކަށް ވުރެ ގިނަ ދުވަހު މާގިރި ހޮޓަލުގައި އެމްއޭސީއެލްގެ ހަރަދުގައި ގެންގުޅެފައިވާ ކަމަށެވެ.

އެންޑްރޫއަށް ލިބޭ މަހުގެ މުސާރަ ސައީދު ހާމަކުރެއްވި ނަމަވެސް، އެންޑްރޫގެ ލޯބިވެރިޔާއަށް ކޮންސަލްޓެންސީގެ ގޮތުގައި ދިނީ ކިހާ ފައިސާއެއް ކަން ސައީދު ހާމައެއް ނުކުރައްވައެވެ.

ސައީދު މިހެން ވިދާޅުވި ނަމަވެސް މިކަން އެމްއޭސީއެލުން ވަނީ ދޮގު ކޮށްފައެވެ. އަދި އެމްއޭސީއެލުން އެންޑްރޫ ވަކި ކުރި ސަބަބު ވެސް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.