ރާއްޖޭގައި އޮޕަރޭޓު ކުރާ އައިއެން-706 މަރުކާގެ ހެލިކޮޕްޓަރު، އެމްއެންޑީއެފްގެ ހުއްދަ ނެތި ތ. ތިމަރަފުށީގައި ޖެއްސި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ހެލިކޮޕްޓަރު ތިމަރަފުށީ އެއާޕޯޓުގައި ޖައްސާފައި ވަނީ އޮކްޓޯބަރު 9، 2019 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން އޮކްޓޯބަރު 17، 2019 ގައުމީ ދިފާއީބާރުގެ ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ކަނޑުގެ ސިފައިންގެ ކޮމާންޑަރަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގެ ކޮޕީއެއް 'ދަ ޕްރެސް' އަށް ވެސް ވަނީ ލިބިފައެވެ.

އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ އެސިޓީގައި ބުނެފައި ވަނީ ތިމަރަފުށީގައި އެމްއެންޑީއެފްގެ ހުއްދަ ނެތި ހެލިކޮޕްޓަރު ޖެއްސި ކަމަށް ހެލިކޮޕްޓަރު ދުއްވަން އިން ސީނިއާ ޕައިލެޓް ލެފްޓިނެންޓް ކޮމާންޑަރު ވިނޯދު އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެގޮތަށް ހެލިކޮޕްޓަރު ޖެއްސުމުން އެއާޕޯޓުގެ އޮފިޝަލުން ވަނީ ކޯސްޓްގާޑް އޭވިއޭޝަނަށާއި، އެމްއެންޑީއެފްގެ އިސްވެރިންނަށް ޝަކުވާކޮށްފައި ކަމަށާއި އެފަދަ ކަންކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް އެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެދި އެ ސިޓީގައި ވަނީ އިންޑިއާ ސިފައިން އަމަލުކުރަން ހާއްސަ ގައިޑްލައިނެއް ވެސް ކިޔައިދީފައެވެ. އެ ގައިޑްލައިން ގައި ބުނާ ގޮތުގައި ހެލިކޮޕްޓަރުގެ އެއްވެސް މޫވްމެންޓެއް ހެދުމުގެ ކުރިން ކޯސްޓްގާޑު އޭވިއޭޝަން ކޮމާންޑަރުގެ ހުއްދަ ކުރިއާލާއި ހޯދަން ޖެހޭނެ ކަމަށާއި ގަން އެއާޕޯޓުގައި ފިޔަވައި އިތުރު އެއްވެސް އެއާޕޯޓެއްގައި އަދި ރަށެއްގައި ވެސް ހެލިކޮޕްޓަރު ޖައްސައިގެން ނުވާނެ ކަމަށް ބުނެފައި އޮވެއެވެ.

ހެލިކޮޕްޓަރުގެ އެއްވެސް އޮޕަރޭޝަނެއް ހިންގާނަމަ، އެ އޮޕަރޭޝަނެއްގެ 24 ގަޑިއިރު ކުރިން، ކުރިއަށް ދާނެ ގޮތުގެ ޝެޑިއުލް އެމްއެންޑީއެފާއި ހިއްސާކުރަން ޖެހޭނެ ކަމަށާއި ޝެޑިއުލަށް އެއްވެސް ބަދަލެއް ގެންނަނަމަ އެކަން ލިޔުމުން އަންގަން ޖެހޭނެ ކަމަށް ވެސް ގައިޑްލައިންގައި ބުނެއެވެ. ހަމައެއާއެކު ހެލިކޮޕްޓަރު އެކި ބޭނުންތަކުގައި ބޭނުން ކުރާއިރު ވީހާވެސް ބޮޑަކަށް ދިވެހި ސިފައިން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށާއި ކޮންމެ ތަނަކަށް ހެލިކޮޕްޓަރު ޖެއްސުމަށް ފަހު އޮޕަރޭޝަންގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ވެއެވެ.

އިންޑިއާ އިން ރާއްޖޭގައި މި ވަގުތު އޮޕަރޭޓް ކުރަމުން ދާ ދެ ހެލިކޮޕްޓަރު އޮތް އިރު، ރާއްޖެއަށް އިންޑިއާ އިން ދީފައިވާ ޑޯނިއާ މަރުކާގެ މަތިންދާ ބޯޓު ވެސް އަންނަނީ އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް ބޭނުން ކުރަމުންނެވެ. އެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވުމުގައި އޭރުއް ސުރެ ހަރަކާތްތެރިވަމުން އައިސްފައި ވަނީ އިންޑިއާ ސިފައިންނާއި ޕައިލެޓުންނެވެ.

ދިވެހި ސިފައިން ހެލިކޮޕްޓަރުގެ ކަންކަމުގައި ވީހާވެސް ގިނައިން ބޭނުން ކުރަމުން ދިއުމަށް އެ ސިތީގައި އެދިފައި ވީ ނަމަވެސް ދިވެހިން ބޭނުން ނުކުރާކަން ފާހަގަ ކުރެއެވެ. އަދި ހެލިކަޕްޓަރާއި ޑޯނިއާ ދުއްވުމުގެ ތަމްރީން ދިވެހި ސިފައިންގެ ތެރޭގައި ބަޔަކަށް ލިބިފައި ނުވާތީ އެ ތަމްރީން ދީ ދިވެހި ސިފައިންގެ ތެރެއިން ތިން މީހަކު ވަނީ ޑޯނިއާ ކޯޕައިލެޓް ކޯސް ފުރިހަމަ ކޮށްފައެވެ.

ހުއްދަ ނުނަގާ ހެލިކޮޕްޓަރު ތިމަރަފުއްޓަށް ޖެއްސި މައްސަލަ ފެންމަތި ވި އިރު، "ދަ ޕްރެސް" އަށް މައުލޫމަތު ލިބިފައިވާ ގޮތުން މިހާރުވެސް ހެލިކޮޕްޓަރު ނަގާ، ޖައްސާ އިރު ގިނަ ފަހަރަށް ޓަވަރަށްވެސް ނާންގައެވެ. ނަމަވެސް މި މައްސަލައިގައި ކަމާބެހޭ އިދާރާއެއްގެ ކޮމެންޓެއް ނުލިބެއެވެ.