ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަން ގުޅިގެން ޓޫރިޒަމް ސެކްޓާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފިއެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓާ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމްއެވެ.

އެ ރަސްމިއްޔާތުގައި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާ ކެރޮން ރޮސްލާ އާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެ ވަޑައިގެންނެވި ކަމަށް ފުލުހުން ބުނެއެވެ.

ޓޫރިޒަމް ސެކްޓާ ސެކިއުރިޓީ ވޯކްޝޮޕްގެ ތެރެއިން / ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ދާއިރާގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު މި ވޯކްޝޮޕްގެ ތެރެއިން ބައިވެރިންނާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ ސެކިއުރިޓީ މެނޭޖަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކުގައި މަސައްކަތްކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުގައި ފަތުރުވެރިންނަށް ހިދުމަތްދެމުން އަންނަ 59 ފަރާތަކުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވާ ކަމަށެވެ.