އައިޖީއެމްއެޗްގައި މައްސަލަ ޖެހުނު އެލިނިޓީ ސީއެލް މެޝިންތަކަށް ދިމާވި މައްސަލަ ހައްލުކޮށް، އާންމު އުސޫލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ސިރާޖު ވިދާޅުވީ މެޝިންތަކަށް ދިމާވި މައްސަލަ ހައްލުކޮށް، އިއްޔެއިން ފެށިގެން ކުރިއެކޭ އެއްފަދައިން ލޭގެ ޓެސްޓުތައް ހެދުމަށް ނަންބަރު ނަގާ މީހުންނަށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

މި މަހުގެ 8 ވަނަ ދުވަހު އައިޖީއެމްއެޗުގެ ލެބޯޓަރީއިން ދެމުންދާ އެނދުމަތިކޮށް ފަރުވާ ނުދޭ ބަލިމީހުންގެ ލޭގެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލްގެ މެޝިންތަކަށް ދިމާވެދާނެކަމަށް ކުރިން ލަފާކުރެވިފައިނުވާ، ޓެކްނިކަލް މައްސަލައެއް ދިމާވުމާއި ގުޅިގެން ޓެސްޓުތައް ހެދުން ވަގުތީގޮތުން މެދުކަނޑާލިއެވެ.

ނަމަވެސް އައިޖީއެމްއެޗުން ވަނީ މިމަހު 10 ވަނަ ދުވަހުން ފެށިގެން އެދުމަތިކޮށް ފަރުވާ ނުދޭ ބަލި މީހުންގެ ލޭގެ ޓެސްޓުތައް ހެދުމަށް 300 ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މެޝިންތަކަށް ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އެ ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އޭރު އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗްގެ މެޝިަންތަކަށް މައްސަލަ ދިމާވެ، ލޭގެ ޓެސްޓު ހެދުމަށް ދަތިތަކާ ކުރިމަތިވުމާ ގުޅިގެން އާންމުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.