މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެތެރޭ ހުށަހެޅިފައިވާ 15 އަހަރާއި 18 އަހަރުގެ ކުދިންގެ މައްސަލަތަކަށް ބަލާއިރު، ރޫޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންގެ މައްސަލަތައް ގިނަ ކަމަށް، ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ބުނެފިއެވެ.
ޖުވެނައިލް ޖަސްޓިސް އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން އެ އިދާރާއިން ނެރުނު ރިޕޯޓުގައި ބުނީ، މިއަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހުށަހެޅި މައްސަލަތަކަށް ބަލާއިރު ގިނައީ ރޫޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންގެ މައްސަލަތައް ކަމަށާއި، އެގޮތުން 37 ޕަސެންޓު ނިސްބަތްވަނީ ރޫޅިފައިވާ އާއިލާތަކަށް ކަމަށެވެ.
އޭގެ އިތުރުން، ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ގުޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންގެ މައްސަލަތައް ކަމަށް ވާއިރު، 20 ޕަސެންޓު ނިސްބަތްވަނީ ގުޅިފައިވާ އާއިލާތަކަށް ކަމަށާއި، 14 ޕަސެންޓު ނިސްބަތްވަނީ ޝަރުއީ ބައްޕައެއް ނެތް ކުދިންނަށް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މި ރިޕޯޓުގައި ޖުވެނައިލް ޖަސްޓިސް އިން ވަނީ ކުދިން ކުށުގެ ވެއްޓަށް ހުށަހެޅިގެން ދަނީ، އާއިލީ ހާލަތުގެ ސަބަބުން ކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި ލޯބި ނުދެވުމުން ކަން ފާހަގަކޮށްފައެވެ. އެގޮތުން އެކަމުގެ ސަބަބުން ކުދިންގެ އުޅުން އިތުރަށް ގޯސްވެ، ކުށުގެ ވެށީގައި އުޅޭ ބޮޑެތި މީހުންގެ ފަރާތުން އެކުދިންގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އަދި ބައެއް ކުދިންގެ މައިންބަފައިން ކުށުގެ ވެށީގައި ހަރަކާތްތެރިވަމުން ދިއުމާއި، ކުށްކުރުމާއި، ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބުމާއި، ކުދިންނާ މެދު އިހުމާލުވުމާއި، ކުދިންނަށް ރައްކާތެރިކަން ދިނުމުގައި އަޅާލާނެ ބެލެނިވެރިއެއް ނެތުމުންވެސް ކުދިން ކުށުގެ ވެއްޓަށް ހުށަހެޅިގެން ދާކަމަށްވެސް ފާހަގަ ކުރިއެވެ.
އަދި މިފަދަ ހާލަތު މެދުވެރިފައިވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހިދުމަތާއި ވަސީލަތްތައް މަދުވުމުގެ އިތުރުން، ތަފާތު ދަތިތައް ހުރިކަމަށް ޖުވެނައިލް ޖަސްޓިސް އިން ބުންޏެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ވުރެ މިއަހަރު ހުށަހެޅި މައްސަލަ މަދުނަމަވެސް، އެ އިދާރާއިން ބުނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ވުރެ، ގާނޫނާ ހިލާފުވެގެން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހަޅާފައިވާ 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުުދިންގެ މައްސަލަތައް މަދުކަމަށެވެ.
އެގޮތުން މިއަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ 88 މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 177 ކުދިން މަދު އަދަދެކެވެ.
އޭގެ ތެރެއިން 48 މައްސަލައެއް ހުށަހެޅިފައިވަނީ ކުށް ތަކުރާރުކޮށްގެން ކަމަށްވާއިރު، ފިރިހެން ކުދިންގެ 46 މައްސަލައެއް އަދި އަންހެން ކުދިންގެ ދެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، ބާކީ ހުރި މައްސަލަތައް ހުށަހެޅިފައިވަނީ އަލަށް ކުށްކޮށްގެން ކަމަށްވާއިރު، އޭގެ ތެރެއިން ފިރިހެން ކުދިންގެ 30 މައްސަލައެއް އަދި އަންހެން ކުދިންގެ ދިހަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ނަމަވެސް، ކުށް ތަކުރާރުކޮށްގެން ހުށަހެޅުނު މައްސަލަތައް މިދިޔަ މަހުގެ ފުރަތަމަ ހަ މަސްދުވަހަށް ވުރެ ދަށްވެފައިވާ ކަމަށް ޖުވެނައިލް ޖަސްޓިސް އިން ފާހަގަ ކުރިއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުށް ތަކުރާރުކޮށްގެން 127 މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާއިރު، މިއަހަރު އެ އަދަދު 48 އަށް ދަށްކުރެވިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މިގޮތުން، އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ މާޗު މަހުގައެވެ. މާޗު މަހު 21 މައްސަލައެއް ހުށަހެޅިފައިވާއިރު، އެންމެ މަދުން މައްސަލަ ހުށަހެޅުނު މަސް ކަމަށްވާ މޭ މަހުގައި ހުށަހެޅިފައިވަނީ އެންމެ ތިން މައްސަލައެވެ.