އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަދި ކައިރީގައިވާ ސިޓީތަކާއި އަވަށްތަކުގައި ނުރައްކާތެރި މިންވަރަކަށް ވައި ތަޣައްޔަރުވެ އާންމުން ގެއިން ބޭރަށް ނުނިކުތުމަށް އެގައުމުގެ ސެންޓްރަލް ޕޮލިޔުޝަން ކޮންޓްރޯލް ބޯޑުން އިލްތިމާސް ކޮށްފިއެވެ.

މިކަމާ ގުޅިގެން އެ ބޯޑުން ދިއްލީގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާއިރު ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ވައި އިތުރަށް ނުސާފުވެ، ހާލަތު އިތުރަށް ގޯސްވާނަމަ، ކުއްލި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް ބުނެފައި ވެއެވެ. އަދި ގޭގައި އުޅޭއިރުވެސް މާސްކު އަޅައިގެން އުޅުމަށް އިލްތިމާސް ކުރާ ކަމަށް ސެންޓްރަލް ޕޮލިޔުޝަން ކޮންޓްރޯލް ބޯޑުން ބުނެއެވެ.

މި މައްސަލަ ހައްލު ކުރުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ސަރުކާރަށް އަމުރު ކޮށްފައި ވާއިރު ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައަކީ މިހާރުން މިހާރަށް ހައްލުކުރަން ޖެހިފައިވާ މައްސަލައެއް ކަމަށެެވެ. އަދި ނުރައްކާތެރި މިންވަރަކަށް ދިއްލީގެ ވައި ތަޣައްޔަރުވެފައިވާ ކަމަށާ، ސަރުކާރުން އެންމެ އިސްކަމެއް ދޭންވީ މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެގައުމުގެ ސަރުކާރުން ކޯޓުގައި ބުނެފައި ވަނީ ދިއްލީގެ ވައިގެ ތެރެއަށް ނޭވާލުމަކީ ދުވާލަކު ގާތްގަނޑަކަށް 20 ސިނގިރޭޓް އިސްތިއުމާލު ކުރުން ފަދަ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ. އިންޑިއާގައި ވައި ނުސާފުވެ ހާއްސަކޮށް ދިއްލީއާ ކައިރި ސިޓީތަކަށް މި މައްސަލަ ދިމާވެފައި ވަނީ ދިވާލީއާ ގުޅިގެން އުފާފާޅުކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކުގައި އަންދާ އެއްޗެހިން ދުންއެރުވުމާ ގުޅިގެންނެވެ. މިކަން މަނާ ކޮށްފައިވީ ނަމަވެސް ގިނަ ބަޔަކު ސިއްރުން އެކަން ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.