އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަތިހު އެ ކުއްޖާ ވިހެއުމުގެ ތެރޭގައި މަރުވީ ކޮނޑު ތާށިވެ (ޝޯލްޑަ ޑިސްޓޯޕިއާ) ކުރިމަތިވެ ކޮމްޕްލިކޭޝަންތަކާ ހެދި ކަމަށެވެ. ހޮސްޕިޓަލުން ބުނީ އެއީ މަދުން ނަމަވެސް ދިމާވާ މައްސަލައެއް ކަމަށާއި އޭގެ ސަބަބުން ކުއްޖާ އާއި މައިމީހާގެ ފުރާނައަށް ވެސް ނުރައްކާވާ ކަމަށެވެ.
މި ހާދިސާގައި ކުއްޖާ ވިއްސުމަށް ފަހު ތުއްތު ދަރިފުޅު ރިސަސިޓޭޓް ކުރެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
މިފަަދަ ކޮންމެ ހާދިސާއަކާ ގުޅިގެން އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމެއް ވާނަމަ، އެކަން ފާހަގަކޮށް އެކަން ކުރަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
މިއަދު ހެނދުނު ވިހެއި ކުއްޖާ މަރުވުމާ ގުޅިގެން ސޯޝަލް މިޑިއާގައި އަންނަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިތަލުގެ އިހުމާލު އޮތް ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަމުންނެވެ. އެ ގޮތުން އެ ކުއްޖާގެ ހަށިގަނޑުގެ ބޭރުންވެސް އަނިޔާ ލިބިފައިވާ ކަމުގެ ނިޝާންތައް ފެންނަ ހުރި ކަމަށް ވެސް އާއިލާއާ ހަވާލާދީ ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ވަނީ އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ 2 މަހުގެ ކުޑަކުއްޖަކު މަރުވި މައްސަލައެއް ވެސް ފެންމަތިވެފައެވެ. އެ ކުއްޖާ މަރުވެފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވައި އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާތާ 3 ދުވަސްވީ ފަހުންނެވެ.