މާލެއާއި ށ. އަތޮޅު ކޮމަންޑޫއާ ދޭތެރޭ ދަތުރުކުރާ "މަހުރޯދި" ބޯޓު ށ. ކޮމަންޑުއަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި ބޯޓު ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް އެބަދެއެވެ.

މިހާދިސާ އާ ގުޅޭ މައުލޫމާތު ދެމުން ކޮމަންޑޫ ކައުންސިލް މެންބަރު ފާތުމަތު އާދަމް ވިދާޅުވީ، ބޯޓުގައި ހުރީ ކާޑާއި ސިމެންތި ކަމަށާއި، ބޯޓު ދިޔަވެ އަޑިއަށް ދިޔުމުގެ ކުރިން ކާޑާއި ސިމެންތިން ބައއް ސަލާމަތް ކުރެވުނު ކަމަށެވެ. އަދި 70 ވަރަކަށް ބަސްތާ ތެމިފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ށ. ކޮމަންޑޫ މަހުރޯދި ބޯޓުގައި 5 މީހަކު މަސައްކަތް ކުރެއެވެ. ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ށ. ކޮމަންޑޫ ބޯޓަށް ދިޔަވެ ފަޅުތެރެއަށް އަޑިއަށް ދާ އިރު ރައްޔިތުން އެއްވެފައި / ފޮޓޯ: ދަ ޕްރެސް

ބޯޓު ނެރުގައި ޖެހި ދިޔަ ވާން ފެށުމުން ރަށުގެ ގިނަ ބަޔަކު ވަނީ ބަނދަރުމައްޗަށް އެއްވެފައެވެ. އަދި ބޯޓުގެ ފަޅުވެރިންނަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

ރާއްޖެއަށް މި 3 ދުވަހު މޫސުން ގޯސް އިރު މިއަދުވެސް ކަނޑުމަތީގެ އިތުރު ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހާދިސާގައި ދެ ކުއްޖަކު މަހަށް ނުކުމެ އުޅުނު ޑިންގީއެއް ވަނީ ބަންޑުން ޖަހާލާފައެވެ.