ގަރާޖެއްގައި ޕާކު ކުރެވޭނެ ކަމުގެ ލިޔުމެއް ނުވަތަ ސިޓީއެއް ނެތި ކާރު ޕިކަޕު ފަދަ އުޅަނދު ރަޖިސްޓްރީ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ނުފެންނަ ކަމަށް، މަޖިލީހުގެ ތަރައްގީއާއި ތަރިކަ ކޮމިޓީން ނިންމައި އެ ބިލު ތަޅުމަށް ފޮނުވައިފިއެވެ.
ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ގަރާޖު ސިޓީގެ ނާޖާއިޒު ފައިދާ ނަގައި، ގަރާޖު ކުލީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގާ ކަމަށް ވިދާޅުވެ، މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ގަރާޖަކާއި އެކު ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް އޮންނަ އޮތުން އުވާލުމަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
މިދިޔަ އޭޕްރިލްގައި ހުށަހެޅި މި ބިލަށް މަޖިލީހުގައި ބަހުސްކުރުމަށްފަހު ތަރިކަ ކޮމިޓީއަށް ފުރަތަމަ ފޮނުވުމުން، އެ ކޮމިޓީން ވަނީ މާލޭގެ ކުރީގެ ކައުންސިލާ ބައްދަލުކުރުމަށްފަހު ގަރާޖު ސިޓީ އުވާލަން ނިންމާފައެވެ. ނަމަވެސް މަޖިލީހުގެ ގިނަ މެމްބަރުން ދެކޮޅު ހެދުމުން، އެ ބިލު ވަނީ ދެވަނަ ފަހަރަށް ކޮމިޓީއަށް ފޮނުވާލާފައެވެ.
މިކަމާ ގުޅިގެން ކޮމިޓީން މާލޭގެ މިހާރުގެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ މިހާރުވެސް ތޮއްޖެހިފައި އޮތް އިރު، އިތުރު އުޅަނދު އެތެރެކުރާއިރު ބާއްވާނެ ޖާގައެއް ނެތި ދޫކޮށްލާނަމަ، އެކަމުން ނުކުންނަ ނަތީޖާ ގޯސްވާނެ ކަމަށާއި، މިވަގުތަކީ މާލެ އެތެރެކުރާ ވެހިކަލް ކޮންޓްރޯލް ކުރާ ވަގުތަކަށް ވީހިނދު، ގަރާޖު ސިޓީ އުވާލަން އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ.
ކޮމިޓީންވެސް އެ މައްސަލަ ދިރާސާކުރުމަށް ފަހު، ގިނަ މެމްބަރުން ނިންމީ ގަރާޖު ސިޓީ އުވާލުމުން މާލެ ތޮއްޖެހިގެން ދާނެ ކަމަށެވެ. އެހެންކަމުން ވޯޓުގައި ބައިވެރިވި ފަސް މެމްބަރުންގެ ތެރެއިން އެންމެ މެމްބަރެއް ފިޔަވައި ހުރިހާ މެމްބަރުން ވޯޓު ދެއްވީ ގަރާޖު ސިޓީ އުވާލާ އިސްލާހު ގެންނަން ނުފެންނަ ކަމަށެވެ.